ފިލްމް ފެށެނީ ފޯން ކޯލަކުންނެވެ. ގުޅައިގެން ތިބި ދެމީހުންނަކީ ދެ ހެކަރުންނެވެ. ހެކް ކުރުމަކީ ކުށެކެވެ. އެތަނުން އެކަކު ހުރީ މެޓްރިކްސް ނަމަކަށް ކިޔާ ކޮމްޕިއުޓަރު ޕްރޮގްރާމެއްގެ ތެރޭގައެވެ. މި ޕްރޮގްރާމަށް އޭނާ ވަނީ ހެކް ކޮށްގެންނެވެ. އެ ދެމީހުންގެ ފޯން ކޯލް އޮތޯރިޓީ އިން އަޑު އަހަމުން ދެއެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އެމީހުން އެ ޕްރޮގްރާމްގެ ތެރެއަށް ވަނދެގެން އުޅެނީ އެ ޕްރޮގްރާމްގެ ތެރޭގައިވާ ޕްރޮގްރާމެއް ހޯދުމަށެވެ. އެއީ މިސްޓާ އެންޑާސަން ނަމަކަށް ކިޔާ ޕްރޮގްރާމެކެވެ، ނުވަތަ މީހެކެވެ. އޭނަގެ ޔޫޒާ ނޭމް އަކީ ’ނިއޯ‘ އެވެ. ދުވާލު ސޮފްޓްވެއާ ކުންފުނީގައި މަސައްކަތް ކުރުމަށްފަހު އެންޑަސަން ރޭގަނޑުގެ ވަގުތު ހޭދަ ކުރަނީ ހެކިންގެ މަސައްކަތުގައެވެ. އެހެންކަމުން އޮތޯރިޓީގެ ސަމާލުކަމަށް އޭނާ ވަނީ އައިސްފައެވެ.
ހެކަރުން ހޯދުމުގެ މަސައްކަތް ކުރާ ބަޔަކީ އޭޖެންޓުންނެވެ. މި އޭޖެންޓުންނަކީ އާޓިފިށަލް އިންޓަލިޖެންސް ޕްރޮގްރާމް ތަކެކެވެ. އެމީހުން އުޅެނީ މެޓްރިކްސް ޕްރޮގްރާމްގެ ތެރޭގައެވެ. އޭޖެންޓުންގެ އިސް ޕްރޮގްރާމަށް ކިޔަނީ އޭޖެންޓް ސްމިތު އެވެ.
މި ފިލްމު ކުރިޔަށް ދާއިރު ފެންނަމުން ދަނީ ދެ ދުނިޔެ އެކެވެ. އެއީ ހަގީގީ ދުނިޔެއަކާއި ސޮފްޓްވެއާ ދުނިޔެ އެކެވެ. ސޮފްޓްވެއާ ދުނިޔެއަކީ ކޮމްޕިއުޓަރުގެ އެތެރޭގައިވާ ދުނިޔެ އެކެވެ.
މި ފިލްމަކީ ބަލާލަން ހިތްގައިމު، ހުރިހާ އެންމެން ވެސް ޝައުގުވެރި ވާނޭ ފިލްމެކެވެ. މި ފިލްމުގައި ސުވާލު އުފެދޭ ބައެއް ހާދިސާތަށް ހިނގައެވެ. ފިލްމު ނިމޭ އިރުވެސް މިއިން ބައެއް ސުވާލު ތަކަށް ޖަވާބެއް ނުލިބެއެވެ. އެ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ޒިންމާ ބެލުންތެރިންނާއި ހަވާލު ކޮށްފައި ވަނީ ކަމަށް ވެސް ވެދާނެއެވެ.
ޖަވާބު ނުލިބޭ ސުވާލުތަށް:
ނިއޯގެ ލޯ ހަލާކުވެ ލޮލުގެ ފެނުން ގެއްލުނު ފަހުން މެށިންތަކާއި ސެންޓިނަލް ތަށް ފެންނަންވީ ކީއްވެ؟
މެގްމާ ހުއްޓާ އިންސާނުން ބޭނުން ކޮށްގެން ކަރަންޓު އުފެއްދުމުގެ ބޭނުމަކީ ކޮބާ؟
މެށިން ތަކާއި އިންސާނުން ހެދި އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއްތަ؟