ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ބޮޑެތި ބިލިޔަނަރުން އެކަތިގަނޑަކަށް ނިކުމެ ރޭސް ޖަހަމުން ދަނީ މާސް އާއި ދިމާލަށެވެ. ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އެމެރިކާ، ރަށިޔާ އަދި އިންޑިޔާ އެވެ. ބިލިޔަނަރުންގެ ތެރެއިން އެންމެ ކުރީގައި ވަނީ އިލާން މަސްކް އަދި ޖެފް ބޭޒޯސް އެވެ.
މިއަދާއި ހަމަޔަށް އާދެވުނު އިރު އިންސާނުންނަށް ދިރިއުޅެވިދާނެ ފަދަ ޕްލެނެޓް ތަކެއް ވަނީ ހޯދިފައެވެ. މި ޕްލެނެޓް ތަކަކީ ދުނިޔެއާއި އެއްގޮތް ސިފަތަކެއް ހުންނަ ޕްލެނެޓް ތަކެކެވެ. ނަމަވެސް އެއިން ޕްލެނެޓަކަށް ދިޔުމަށް ހައްލު ކުރަންޖެހޭ ގިނަގުނަ ޖޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެހެންކަމުން މިތަނުން ހައްލު ކުރަންޖެހޭ ގޮންޖެހުންތަށް އެންމެ މަދުން ހުރި ޕްލެނެޓެއް ބެލުމަށްފަހު އެ ޕްލެނެޓަކަށް ދިޔުމަށް މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެކެވެ.
މިގޮތުން ބަލާއިރު ދެ ޕްލެނެޓެއް ފާހަނގަ ކޮށްލެވެ އެވެ. އެއީ މާސް އާއި ވީނަސް އެވެ. މި ދެ ޕްލެނެޓަކީ ވެސް ދުނިޔޭގައި ވާގޮތަށް ހަރު ބިންގަނޑު އެކުލެވޭ ދެ ޕްލެނެޓެކެވެ. ވީނަސްގެ ބޮޑުމިން ދުނިޔެ އާއި ދާދި އެއްވަރެކެވެ. ނަމަވެސް މާސް ދުނިޔެއަށް ވުރެ ކުޑައެވެ. އެހެން ކަމުން މާސްގައި އާބާދު ކުރެވޭނީ ވީނަސް އަށްވުރެ މަދު މީހުންނެވެ.
މި ދެ ޕްލެނެޓަށް އިރު ވަށައި ދައުރު ކުރެވެނީ ކިތަށް ދުވަހުންތޯ ބަލާއިރު ވީނަސް އަށް ބުރެއް ހަމަ ކުރެވެނީ 225 ދުވަހުންނެވެ. މާސް އަށް 687 ދުވަހުންނެވެ. ދުނިޔެއަށް 365 ދުވަހުންނެވެ. އެހެން ކަމުން ދުނިޔެ އާއި އެންމެ ކާރީ ވީނަސް އެވެ. މާސް އަށް ބުރެއް ހަމަ ކުރެވެނީ ދުނިޔެ ދެ ބުރު ހަމަކުރާ ފަހުންނެވެ. އަހަރުގެ ދިގުމިނުގެ ތަފާތު ބޮޑުވީނަމަ ވެސް ދުނިޔެ އާއި މާސް އެނބުރެނީ ދާދި އެއް ސްޕީޑެއްގަ އެވެ. ދުނިޔެއަށް ބުރެއް ހަމަ ކުރެވެނީ 23 ގަޑިއިރާއި 58 މިނިޓުންނެވެ. މާސް އަށް ބުރެއް ހަމަ ކުރެވެނީ 24 ގަޑިއިރާއި 39 މިނިޓުންނެވެ. އެހެން ކަމުން ދުވަހުގެ ތަފާތު އެހާ ބޮޑެއް ނޫނެވެ. މާސްގައި ދުނިޔެއަށްވުރެ ދުވަސް ކުޑަ ތަންކޮޅެއް ދިގުވެއެވެ. ދިގުވަނީ ގަޑިއެއްހާ އިރެވެ. ވީނަސް މިއާއި މުޅީން ތަފާތެވެ. ވީނަސް ގައި ދިމާވާ މައްސަލަޔަކީ އެ ޕްލެނެޓްގެ އެނބުރުމެވެ. އެ ޕްލެނެޓް އެނބުރެނީ ދުނިޔެ އާއި މާސް އެނބުރޭ ކޮޅު ނޫން އަނެެއް ކޮޅަށެވެ. މީގެ ސަބަބުން ވީނަސް އަށް އިރު އަރަނީ ހުޅަނގު ފަރާތުންނެވެ. އަދި އިރު އޮއްސެނީ އިރުމަތީ ފަރާތުންނެވެ.
މި ދެ ޕްލެނެޓްގެ ބިންމަތީގެ ފިނިހޫނު މިނަށް ބަލާއިރު ވީނަސްގެ ބިންމަތީގެ ފިނިހޫނު މިން އުޅެނީ 462 ޑިގްރީ ސެލްސިއަސް ގައެވެ. މި ޓެމްޕަރޭޗާ ގައި ތިމަރު ހުންނާނީ ދިޔާ އެއްޗެއްގެ ގޮތުގައެވެ. ވީނަސްގެ ފިނިހޫނުމިން ވަނީ އެން ހަމައެއްގައި ހިފެހެއްޓިފައެވެ. ވީނަސް އަކީ ހޫނު ޕްލެނެޓަކަށް ވީނަމަވެސް މާސް އަކީ ފިނި ޕްލެނެޓެކެވެ. އެތަނުގެ ފިނިހޫނު މިން 20 ޑިގްރީ އަށްވުރެ މައްޗަކަށް ނުދެއެވެ. މިއީ އަހަރެމެންގެ އޭސީ ކޮޓަރި ތަކުގެ ފިނިހޫނު މިނެވެ. ނަމަވެސް މާސްގެ ފިނިހޫނު މިން އެއްވަރެއްގައި ހިފެހެއްޓިފައި ނުހުރެ އެވެ. ދަށްވެގެން ދާއިރު 125- ޑިގްރީ އަށް ދަށްވެއެވެ. އެއް ޕްލެނެޓަކީ ހޫނުގަދަ ޕްލެނެޓެކެވެ. އަނެއް ޕްލެނެޓަކީ ފިނިގަދަ ޕްލެނެޓެކެވެ.
އިންސާނާ ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ އެއްޗެހީގެ ތެރޭގައި ކާނާ އާއި ފެނާއި ނޭވާ ލާނޭ އޮކްސިޖަން ބޭނުން ވެއެވެ. ފުރަތަމަ ނޭވާ ލުމަށް ވީނަސްގެ ވައިގެ ތެެރެއަށް ބަލާއިރު އޭގައި ހިމެނެނީ ކާބަންޑައި އޮކްސައިޑް (%96) އަދި ސަލްފަރިކް އެސިޑެވެ. ސަލްފަރިކް އެސިޑަކީ ކާރު ޕިކަޕްގެ ބެޓެރި އެސިޑެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި އެއްޗެކެވެ. މާސް އަށް ބަލާލާއިރު އެތަނުގެ ވައިގެ ތެރޭގައި ވަނީ %95 ކާބަންޑައި އޮކްސައިޑް، %3 ނައިޓްރޯޖެން، އަދި %1.6 އާގަން އެވެ. މީގެ އިތުރަށް ކޮންމެވެސް ވަރަކަށް އޮކްސިޖަން ވެސް ހިމެނެއެވެ. ދުނިޔޭގެ ވައިގެ ތެރެއަށް ބަލާލާއިރު އޭގައި ވަނީ %78 ނައިޓްރޯޖެން، %21 އޮކްސިޖެން، %0.93 އާގަން، އަދި %0.04 ކާބަންޑައި އޮކްސައިޑް އެވެ.
މިތަނުން ކާބަންޑައި އޮކްސައިޑަށް ބަލަމާ ހިނގާށެވެ. ވީނަސްގެ ވައިގެ ތެރޭގައި އެކުލެވެނީ %96 އެވެ. މާސް ގައި ވަނީ %95 އެވެ. ދުނިޔޭގައި ވަނީ %0.04 އެވެ. ކާބަންޑައި އޮކްސައިޑްގެ %1 ވައިގެ ތެރޭގައި ހުރި ނަމަވެސް އިންސާނާ ބޯ އަނބުރަން ފަށާނެއެވެ. މާސް އަދި ވީނަސްގެ ވައިގެ ތެރެއަށް އިންސާނާ ނޭވާ ލައިފިނަމަ މިނިޓެއްގެ ތެރޭގައި އޭނާ މަރުވާނެއެވެ.
އިންސާނާގެ ކެއުމަށް ބަލާއިރު އިންސާނުން ކައި އުޅެނީ ދިރޭ އެއްޗެއްސާއި ދިރޭ އެއްޗެހިން އުފައްދާ އެއްޗެއްސެވެ. މި ދެ ޕްލެނެޓް އިންވެސް މިހާތަނަށް ދިރުމެއް ފެނިފައެއް ނުވެއެވެ. އެހެން ކަމުން ބެލެވެނީ މި ދެ ޕްލެނެޓްގައި ވެސް ކާނޭ އެއްޗެއް ނުހުންނާނޭ ކަމަށެވެ.
އެއަށްފަހު ބޯނޭ ފެނަށް ބަލާއިރު ދުނިޔޭގައި ގިނަ އަދަދަކަށް ފެން އެބަހުއްޓެވެ. ދުނިޔޭގެ ފަށަލައިގެ %70 ގައި ވަނީ ފެނެވެ. ނުވަތަ ކަނޑެވެ. ވީނަސް ގައި ފެން ހުންނާނޭ ކަމަށް ނުބެލެވެއެވެ. ނަމަވެސް ހައިޑްރޯޖެން އާއި އޮކްސިޖަން ބޭނުންކޮށްގެން ފެން އުފެއްދިދާނެ އެވެ. މިއީ ދިގު މުއްދަތަކަށް އޮތް ހައްލެއް ނޫނެވެ. އެއީ ވީނަސްގައި ހުރި ހައިޑްރޮޖެންގެ މަދު ކަމުންނެވެ.
މާސް އަށް ބަލާއިރު އެ ޕްލެނެޓްގެ ނޯތު ޕޯލް އާއި ސައުތު ޕޯލް ގައި ގަނޑުފެން އެބަ ހުއްޓެވެ. އަދި ބިމު އަޑީގައިވެސް ފެން ހުންނާނޭ ކަމަށް ބެލެވެއެވެ. މީގެ އިތުރުން މާސް ގައި އޮކްސިޖަން ގިނަ އަދަދަކަށް އެބަ ހުއްޓެވެ. އެހެން ކަމުން ފެން އުފެއްދިދާނެ އެވެ. އަދި މާސްގެ ވައިގެ ތެރޭގައި ވޯޓާ ވޭޕާވެސް ކޮންމެވެސް ވަރަކަށް ހުރެއެވެ.
ގިނަ ގޮންޖެހުން ތަކެއް ހުރި ނަމަވެސް މި ދެ ޕްލެނެޓަކީ އިންސާނުންގެ ކުރިމަގަށް ހުޅުވާލެވިފައިވާ ދޮރާއްޓެކެވެ. އިންސާނާގެ ވިސްނުމާއި ހިކްމަތުގެ ބޭނުން ކޮށްގެން މިއިން ޕްލެނެޓެއް އާބާދު ކުރެވިދާނެ ހެއްޔެވެ؟