އާޓިކަލް 1. ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަން ވަނީ މިނިވަން ކަމާއި ހަމަހަމަ ކަމާއި އެކުގައެވެ. އަދި އެމީހުން ދެމިތިބޭނީވެސް މިގޮތުގެ މަތީގައެވެ. އިންސާނީ ދަރަޖަކުރުންތަށް ބިނާވެފައި އޮންނާން ވާނީ ހުރިހާ އެންމެންނަށް ވެސް ފައިދާ ކުރަނިވި ގޮތަކަށެވެ.
އާޓިކަލް 2. ހުރިހާ ސިޔާސީ ހަރަކާތެއްގެ މަގްސަދަކަށް ވާންވާނީ އިންސާނާއަށް ލިބިފައިވާ އޭނަގެ ފަރާތުން ނިގުޅައި ނުގަނެވޭ ހުރިހާ ހައްގުތަކެއް ހިމާޔަތް ކުރުމަށެވެ. މި ހައްގުތަކަކީ ފަރުދީ މިނިވަންކަން، މުދާ މިލްކުކުރުން، ނަފްސު ހިމާޔަތް ކުރުން، އަދި އޭނަގެ ހައްގުތަށް ނިގުޅައިގަންނަން މަސައްކަތް ކުރާ މީހުންގެ ކިބައިން ސަލާމަތް ކޮށްދިނުމެވެ.
އާޓިކަލް 3. ހުރިހާ ބާރެއް ފެށިގެން އަންނަނީ ދައުލަތުންނެވެ. ދައުލަތުން ދީފާއިވާ ބާރެއް ފިޔަވާ އެހެން ގޮތަކަށް ބާރެއް ހިންގެވިގެން ނުވާނެއެވެ.
އާޓިކަލް 4. ފަރުދީ މިނިވަންކަމުގެ ތެރޭގައި ހިމެނެނީ އެހެން މީހެއްގެ ހައްގަކަށް ގެއްލުން ނުވާނޭ ހުރިހާ ކަމެއް ކުރުމުގެ މިނިވަންކަމެވެ. އެހެން ކަމުން އޭނާ އަށް ލިބިފައިވާ މިނިވަންކަމުގެ ހައްދަކީ އަނެއް މިހާއަށް އެމިނިވަން ކަން ލިބިގަތުމަށް ހުރަހަކަށްވާ ހިސާބެވެ. މި ހިސާބުތަށް ކަނޑައަޅާނީ ގާނޫނުންނެވެ.
އާޓިކަލް 5. މުޖުތަމައަށް ގެއްލުން ވާނޭ ކަމެއް ގާނޫނުން މަނާ ކުރެވިދާނެއެވެ. އަދި ގާނޫނުން މަނާ ކޮށްފައި ނުވާ އެއްވެސް ކަމެއް ކުރުމަށް ހުރަސް އެޅިގެން ނުވާނެއެވެ. ހަމަ އެހެންމެ ގާނޫނުން ކުރުމަށް އަންގާފައި ނުވާ ކަމެއް ކުރުވައިގެންވެސް ނުވާނެއެވެ.
އާޓިކަލް 6. ގާނޫނަކީ ރައްޔިތުންގެ އެދުންތަކެވެ. ގާނޫނު އެކުލަވާލުމުގައި ފަރުދީ ގޮތުން ނުވަތަ މަންދޫބެއް މެދުވެރިކޮށް ހަމަ ކޮންމެ ރައްޔިތަކަށްވެސް ބައިވެރި ވެވޭނެއެވެ. ހުރިހާ އެންމެންނަށް ވެސް ހިނގާނީ އެއް ގާނޫނެކެވެ. އެއީ އަދަބެއް ކަނޑައެޅުމަށް ވިޔަސް ނުވަތަ ހިމާޔަތެއް ދޭން ކަމަށްވިޔަސްމެއެވެ. ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަ ވެގެން ވެއެވެ. ޝަރަފާއި، މަގާމުތަކާއި، ވަޒީފާ އާއި މިކަންކަމުގައި އެމީހެއްގެ ގާބިލުކަން ފިޔަވާ އެއްވެސް ގޮތަކަށް ތަފާތެއް ނުކުރެވޭނެއެވެ.
އާޓިކަލް 7. ގާނޫނުގައިވާ އުސޫލުގެ ބޭރުން އެއްވެސް މީހަކަށް ތުހުމަތެއް ކޮށް، ހައްޔަރުކޮށް، ބަންދުކުރެވިގެން ނުވާނެއެވެ. ގާނޫނުގެ ބޭރުން ހައްޔަރު ކުރުމަށް އަމުރު ކޮށްފިނަމަ އެމީހަކަށް ކަނޑައެޅިފައިވާ އަދަބު ދެވޭނެއެވެ. ނަމަވެސް ގާނޫނުގެ ތެރެއިން ކުރާ މިފަދަ އަމުރަކަށް ރައްޔިތުން ބޯލަނބައި ކިޔަމަން ވާންވާނެއެވެ.
އާޓިކަލް 8. ގާނޫނުގައި އަދަބެއް ކަނޑައަޅަން ވާނީ ކޮންމެހެން ބޭނުންވެއްޖެ ހާލަތުގައި އެކަންޏެވެ. ހަމަ އެހެންމެ އެއްވެސް މީހަކަށް އަަދަބު ދެވޭނީ އެކަމެއް ކުރުމުގެ ކުރީގައި ހެދިފައިވާ ގާނޫނުން އޭނާ ކުއްވެރިވާ ނަމައެވެ. އަދި އޭނާއަށް ދޭންވާނީ އޭނާ އެ ކުރި އަމަލެއް ކުރުމުގެ ކުރީގައި ހެދިފައިވާ ގާނޫނުގައި ވާ އަދަބެވެ.
އާޓިކަލް 9. އެމީހަކީ ކުއްވެރިއެއް ކަމަށް ކަނޑަނާޅާހާ ހިނދަކު އެމީހަކީ ކުށެއް ނެތް މީހެކެވެ. މިއުސޫލާއި ހިލާފުވާ ކޮންމެ މީހަކަށް ކަނޑައެޅިފައިވާ އަދަބު ދެވޭނެއެވެ.
އާޓިކަލް 10. އެއްވެސް މީހެއްގެ ޝުއޫރާއި ފިކުރާއި މެދު ސުވާލު ކުރެވިގެން ނުވާނެއެވެ. އޭނަގެ ދީނީ ފިކުރާއި ޝުއޫރާއި ބެހޭގޮތުން ވެސް މެއެވެ. ނަމަވެސް އެއީ އޭގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމަށް ބުރުނާރާ ނަމައެވެ.
އާޓިކަލް 11. މިނިވަން ކަމާއިއެކު ފިކުރު ކުރުމާއި ޝުއޫރު ފާޅު ކުރުމަކީ އިންސާނާއަށް ލިބިގެންވާ އެންމެ މަތިވެރި ހައްގެވެ. އެހެންކަމުން ހަމަ ކޮންމެ ރައްޔިތަކަށްމެ މިނިވަންކަމާއި އެކު ވާހަކަ ދެއްކުމާއި، ލިޔުމާއި، ޗާޕުކުރުމުގެ ހައްގު ލިބިގެންވެއެވެ. އެއީ އޭނާއަށް ދީފައިވާ މިނިވަންކަމުގެ އިމުގެ ތެރެއިންނެވެ. މި އިން ކަނޑައަޅާނީ ގާނޫނުންނެވެ.
އާޓިކަލް 12. ރައްޔިތުންނާއި އެމީހުންގެ ހައްގުތަށް ހިމާޔަތް ކުރުމައްޓަކައި ދިފާއީ ބާރެއް ބޭނުންވެއެވެ. މުޖުތަމައުގެ ލާބައަށްޓަކައި މިފަދަ ދިފާއީ ބާރެއް ގާއިމު ކުރެވޭނެއެވެ.
އާޓިކަލް 13. މިފަދަ ދިފާއީ ބާރެއް ބެލެހެއްޓުމާއި ހިންގުމުގެ ހަރަދު ބެހިގެންދާނީ ހަމަހަމަ އުސޫލަކުން ހުރިހާ ރައްޔިތުންނަށެވެ.
އާޓިކަލް 14. ކޮންމެ ރައްޔިތަކަށްވެސް ގައުމު ހިންގުމަށް ބޭނުންވާ މިންވަރާއި، އުސޫލާއި، ބަލަހައްޓާނޭ ގޮތާއި، މުއްދަތުތަށް ކަނޑައެޅުމުގައި އަމިއްލައަށް ނުވަތަ މަންދޫބެއް މެދުވެރިކޮށް ބައިވެރި ވުމުގެ ހައްގު ލިބިގެން ވެއެވެ.
އާޓިކަލް 15. ރައްޔިތުންގެ މަންދޫބުންނާއި ބެހޭ މައުލޫމާތާއި އެމީހުން އުޅޭ ނޫޅޭގޮތް ބެލުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.
އާޓިކަލް 16. އެ މުޖުތަމައެއްގައި ހައްގުތަށް ލިބިދީފައި ނުވާ، އަދި ބާރުތަށް ވަކިކުރެވިފައި ނުވާނަމަ އެތަނެއްގައި ގާނޫނު އަސާސީއެއް އެކުލަވާލަން ވާނެއެވެ.
އާޓިކަލް 17. މީހުންގެ މުދަލަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއްސަށް ވުމާއިއެކު އެއްވެސް މީހަކު އޭނަގެ މުދަލާއި ވަކި ކުރެވިގެން ނުވާނެއެވެ. ނަމަވެސް ހާއްސަ ހާލަތެއް މެދުވެރިވެ މުޖުތަމައުއިން މުދަލެއް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއް މެދުވެރި ވެއްޖެނަމަ އެ މުދަލެއް އެމީހަކާއި ވަކި ކުރެވޭނީ އެމީހަކަށް އަންގައި، އެމުދަލުގެ ބަދަލު ދޭނެ އުސޫލެއް ކަނޑައެޅުމަށް ފަހުގައެވެ.