ދުނިޔޭގެ ދިގު ތާރީހަށް ބަލާއިރު އަންހެނުންނަށްވުރެ ގިނައިން ވެރިކަން ކޮށްފައިވަނީ ފިރިހެނުންނެވެ. ދެ ޖިންސްގެ މީހުން ވެރިކަން ކޮށްފައިވާ ގޮތްތަކަށް ބަލާއިރު ވެރިކަމުގެ ތަފާތު ތަކަށްވުރެ ގިނައީ އެއްގޮތް ކަންތަކެވެ. ނަމަވެސް މިތަނުގައި ފުރަތަމަ ބަލާލާނީ ތަފާތުތަކަށެވެ. މިގޮތުން ދުނިޔޭގެ ރަސްކަމުގެ ދިގުމިންތަކަށް ބަލާއިރު އަންހެނުންނަށް ވުރެ ގިނަ ދުވަހު ފިރިހެނުން ރަސްކަން ހިފަހައްޓާފައިވާކަން ފާހަނގަ ކުރެވެއެވެ. އެންމެ ގިނަ ދުވަހު ރަސްކަން ކުރި 24 ވެރިންގެ ތެރޭގައި ހިމެނެނީ 2 އަންހެނުންނެވެ.
ވެރިކަމާއި ދެކޮޅަށް އެތެރެއިންނާއި ބޭރުން އަންނަ ހަމަލާތަށް ދިފާއު ކުރުމަށް އަންހެނުންނަށްވުރެ ބޮޑަށް ފިރިހެނުން ކުޅަދާނަ ކަމަށް ފާހަނގަ ކުރެވެއެވެ. އިސަބެއްލާ 1، އަމީނާ އަދި ރާނީ ލަކްޝްމީ ބާއީ ފިޔަވާ ހަނގުރާމަ ކުރުމުގައި އަންހެނުންނަށްވުރެ ފިރިހެން ވެރިން އެތަށް ގުނައެއް ކުޅަދާނަ އެވެ. މީގެ އިތުރުން، ހަތިޔާރު އުފެއްދުމާއި ސިފައިންގެ ވަރުގަދަ ކުރުމާއި، ބިމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އަންހެން ވެރިންނަށް ވުރެ ބޮޑަށް ފިރިހެން ވެރިން ސަމާލުކަން ދީފައި ވެއެވެ. (މިސާލެއްގެ ގޮތުން އެމެރިކާގެ 45 ރައީސުން، ގޮރޮބަޗޭވް، ހެޓިލަރު، ނަޕޯލިއަން، ޖޫލިއަސް ސީޒާ ނަގާލެވެއެވެ.) ހަމަ އެހެންމެ ބިން ބޮޑުކުރުމުގެ މަސައްކަތްވެސް އަންހެން ވެރިންނަށްވުރެ ބޮޑަށް ފިރިހެން ވެރިން ކޮށްފައި ވެެއެވެ. (އެލެގްޒެންޑާ، ޕާޝިއާގެ ރަސްކަލުންތަށް، ނަޕޯލިއަން، އިނގިރޭސިވިލާތް ހެންރީ އަދި އެޑްވާޑްގެ ދުވަސްވަރު) އަންހެން ވެރިން ބިން ބޮޑުކުރުމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވެއެވެ. އެންތަނީ އާއި ޖޫލިއަސް ސީޒާ (65 ބީސީ) މުޅި އޭޝިއާ ބައްރު ހިފަމުން ދިޔައިރު ބީޓްރިކްސް (1986، އަދި 2010) އާއި އެެލިޒަބަތު 2 (1947) ދިޔައީ އެގައުމު ތަކުން ކުރީގައި ހިފާފައިވާ ބިންތަށް ދޫކުރަމުންނެވެ.
ކޮރަޕްޝަނާއި ހިޔާނާތަށް ބަލާއިރު އަންހެނުންނަށްވުރެ އެތަށް ގުނައެއް ކުރީގައި އުޅެނީ ފިރިހެނުންނެވެ. (ނައިޖީރިއާގެ ސާނީ އަބަޗާ، މުހައްމަދު ސުހާޓޯ، ޔުކްރޭނުގެ ޕަވްލޯ ލަޒަރެންކޯ، ނިކަރާގުއާގެ އާނޯލްޑޯ، ފިލިޕީންސްގެ އެސްޓްރާޑާ، ޓޫނީޝިއާގެ ޒައީން އަލް އަބްދީން ފާހަނގަ ކުރެވެއެވެ. މުޅި ދުނިޔޭގެ އެންމެ ކޮރަޕްޓް މީހަަކީ އިންޑޮނޭސިއާގެ ސުހާޓޯ އެވެ.)
ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ބަލާއިރު ފިރިހެން ވެރިންނަށްވުރެ ކުޑަ ތަންކޮޅެއް ކުރީގައި އުޅެނީ އަންހެން ވެރިންނެވެ. ނަމަވެސް މިއީ އެމެރިކާ ނުހިމަނައެވެ. އެގައުމުގެ ހުރިހާ ކުރިއެރުމެއްގެ ފަހަތުގައި ވަނީ ފިރިހެން ވެރިންނެވެ. އަންހެން ވެރިން އިގްތިސާދީގޮތުން ކުރީގައި އުޅޭ ސަބަބެއް ކަމަށް ބެލެވެނީ އެމީހުން ކޮރަޕްޝަނާއި ދިމާލަށް ދާލެއް މަދުކަމުންނެވެ. (ތުރުކީގެ ބޮޑުވަޒީރު ތަންސޫ ޗިލާ (1993) އަކީ ޕްރޮފެސަރ އަދި އިކޮނޮމިސްޓެކެވެ. މީގެ އަނެއް ކޮޅުން އެންމެ ކޮރަޕްޓް އަންހެން ވެރިޔާ ކަމަށް ބެލެވޭ ބޭނަޒީރު ބުއްޓޫގެ (1993، 1988) ވެރިކަމުގައި ވެސް ކޮރަޕްޝަންތަށް ހިންގާފައި ވަނީ އޭނަގެ ފިރިކަލުންނެވެ. މި ކޮރަޕްޝަން ތަކަކީ މޮބޫޓޫ، މުގާބޭ އަދި މިލޯސޮވިޗް ފަދަ ވެރިންގެ ކޮރަޕްޝަންތަކާއި ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.)
އެތެރޭގެ ކޯޅުންތަށް ކޮންޓްރޯލް ކުރުމާއި ހިންދުމުގައި އަންހެނުންނަށް ވުރެ ކުރީގައި ފިރިހެން ވެރިން ތިއްބަސް އެފަދަ ކޯޅުންތަށް ނުއުފެދެނީސް ފިނިކުރުމުގައި އަންހެން ވެރިން ކުޅަދާނަ ކަމަށް ބެލެވެއެވެ. (ޔަންގްލިކް ޝިނަވަތުރާ އަދި ލަންކާގެ ސިރިމާވޯ ބަންޑާރަނައިކޭ 1970) މިގޮތުން އެތެރެ އާއި ބޭރުގެ ގުޅުންތަށް ވަރުގަދަ ކުރުމުގައިވެސް އަންހެނުން ކުރީގައި ވާކަން ފާހަނގަ ކުރެވެއެވެ. (މިއީ އޮޓޯ ވޮން ބިސްމާރކް ގުނުމުގައި ނުހިމަނައެވެ. އޭނާ އަކީ ޖިއޯ ޕޮލިޓިކްސް (ބައިނަލް އަގްވާމީ ސިޔާސީ ދާއިރާގައި) މިހާ ތަނަށް އުފެދުނު އެންމެ ކުޅަދާނަ ވެރިޔާ އެވެ.) ޖިއޯ ޕޮލިޓިކަލް މައްސަލަތަކުގައި ހަތިޔާރަށް ވުރެ ވާހަކަދެއްކުން އިސްކުރުމަށް ބަލާއިރު، ފިރިހެން ވެރިން އަންހެން ވެރިންނަށް ވުރެ އަވަހަށް ހަތިޔާރު އުފުލާ ކަން ފާހަނގަ ކުރެވެއެވެ. (ނަޕޯލިއަން، ހެޓިލަރު، ގެންގިސް ހާން، މިހެން ގޮސް ލިސްޓު ވަރަށް ދިގެވެ. ހަތިޔާރު އުފުލުމުގައި ފަހަނގަ ކޮށްލެވޭ އަންހެނެއް ނެތެވެ. އިޒަބެއްލާ! އާމިނާ؟) އެތެރޭގެ މައްސަލަ ތަކުގައި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަށް އަންހެން ވެރިން އިސްކަން ދޭކަން ފާހަނގަ ކުރެވެއެވެ. (މާގްރެޓް ތެޗާ ޕްރައިވަޓައިޒޭށަން ދުވަސްވަރު، ކޮރަޒޯން އަކުއިނޯގެ ވެރިކަން ވެއްޓުމަށް 6 ފަހަރު ބައާވާތް ކުރި އިރު، އިންދިރާ ގާންދީ ކަޝްމީރު މައްސަލައިގައި، ތެރޭސާ މޭ ބްރެކްސިޓު ނިމުމަކަށް ގެނައުމުގައި، ޗައިނާގެ ސީޖީ (1861) އޭނަގެ ވެރިކަން ވައްޓަން އުޅުނު މީހުންނާއި ދެކޮޅަށް ކުރި މަސައްކަތުގައި، މެގަވާތީ ސުކާނޯޕުތުރީ ބަންޑާރަ އަޗޭ އާއި އެކު އެއްބަސްވުން އެކުލަވާލުން ހިމެނެއެވެ.) މީގެ އިތުރުން އެކަށީގެން ނުވާވަރަށް ބާރުގެ ބޭނުން ކުރުމާއި، އެތެރޭގެ ހަނގުރާމަ އިއުލާން ކޮށް ދާހިލީ ހަނގުރާމަ ކުރުންތަށްވެސް ބޮޑަށް ފެނިފައި ވަނީ ފިރިހެން ވެރިންގެ ފަރާތުންނެވެ. (ފްރާންސްގެ ލުވީސް، ނަޕޯލިއަން (1799)، ރަށިޔާ، ޗައިނާ، މިޔަންމާރު، ވިއެޓްނާމްގެ ޑިކްޓޭޓަރުން، މެދުއިރުމަތީގެ ބައެއް ވެރިން، ފްރަންސިސްކޯ 1939)
އުމްރާނީ ތަރައްގީ އަށް ބަލާއިރު ފިރިހެން ވެރިންނާއި އަންހެން ވެރިން ހަމަހަމަ ކަން ފާހަނގަ ކުރެވެއެވެ. ނަމަވެސް ގައުމަށް ރީތިކަން ގެނައުމުގައި (ޕެރިކްލީސް، ގްރީކް، ރޯމްގެ ވެރިން، އެމެރިކާގެ 6 ރައީސުން، ލީ ކުއާން ޔޫ އަދި މަހާތީރު ފިޔަވައި) އަންހެން ވެރިން ވަނީ ތަންކޮޅެއް ކުރީގައި އެވެ. (ރަށިޔާގެ ކެތަރިން، ޖަސިންޑާ 2018، ތިއޮޑޯރާ 527، ވިކްޓޯރިއާ، އެލިޒަބަތު، އެންގިލާ މާކެލް، (ގްރީކް އަދި ރޯމްގެ ޒަމާނުގައި އަންހެނުން ސަރުކާރުގެ މަގާމުތައް އަދާކުރުމަކީ މަނާ ކަމެކެވެ، މި ސަބަބާއި ހުރެ އެދެ ހަޟާރާތުގެ ވެރިން ގުނުމުގައި ހިމަނާފައެއް ނުވެއެވެ.)
އަނިޔާވެރި ވެރިންގެ ތެރޭގައި މުޅީންހެން ތިބީ ފިރިހެނުންނެވެ. މި ލިސްޓުގައިވާ ފިރިހެނުންގެ އަދަދު ގިނަ ކަމުން ކުރުކޮށްލުމުގެ ބޭނުމުގައި ފާހަނގަ ކޮށްލެވޭ ދެ ތިން މީހަކު ހިމަނާލާނަމެވެ. މީގެ ތެރޭގައި ހެޓިލަރު، ލެނިން، ސްޓާލިން، މާއޯ، 1900 އިގެ އަހަރު ތަކުން (20 ވަނަ ގަރުނުން) ފާހަނގަ ކޮއްލެވެއެވެ. މި ލިސްޓުގައިވާ އަންހެނުންނަކީ ބްލަޑީ މޭރީ، ޒާއޯ ފެއިޔަން (32 ބީސީ)، ކެތަރިން ޑި މެޑީޗީ، ވޫ ޒީޓިއަން 624، އިޒަބެއްލާ 1 (ސްޕެނިޝް އިންކުއިސިޝަން ފެއްޓެވުމުގެ ސަބަބުން)، ރަނަވަލޯނާ 1828، އަދި ރަށިޔާގެ ކެތަރިން މިއެވެ.
ތައުލީމާއި ސިއްހީ އަދި ސަގާފީ ދާއިރާއަށް ބަލާއިރު މިކަންކަމަށް ފިރިހެނުންނަށްވުރެ އެތަށް ގުނައެއް ބޮޑަށް އަންހެން ވެރިން ވަނީ އަހަންމިއްޔަތުކަން ދީފައެވެ. ކެމްބޯޑިއާގެ ޕްލްޕޮޓް އާއި ޗައިނާގެ މާއޯ ވަނީ އެގައުމުގެ ތާރީހާއި ސަގާފަތް އެއްކޮށް ފޮހެލުމަށް ފަހު އަލުން ފެށުމަށް މަސައްކަތް ކޮއްފައެވެ. މީގެ އިދިކޮޅަށްހަމަ އެގައުމުގެ އަންހެން ވެރިއެއް ކަމަށްވާ ސީޒީ ވަނީ ރޭލު ދަގަނޑު އިމާރާތް ކުރި އިރު މަހާނަ ތަކެއް ހަލާކު ނުވާގޮތަށް އިމާރާތް ކުރަން ފަސް އަހަރުން ނިމޭ ކަމެއް 20 އަހަރަށް ދިގު ދަންމާފައެވެ. އިލްމީގޮތުން އިނގިރޭސި ވިލާތް ކުރިއެރުވުމަށް އެލިޒަބަތު 1، ވިކްޓޯރިއާ، އަދި އެލިޒަބަތު 2 ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެނިހެން ހިސާބު ތަކަށް ބަލާއިރު ނިިއުޒިލޭންޑުން ހެލެން ކްލާކް އާއި ޖަސިންޑާ، އޮސްޓްރޭލިއާ އިން ޖޫލިޔާ ގިލާޑް ފާހަގަ ކޮށްލެވެއެވެ.) އެންޝެންޓް ޒަމާނުގައި (1000 ބީސީ އިން 0 އޭޑީއަށް) އޭރުގެ ވެރިން އިލްމާއި މެދު އެއްވެސް ވަރަކަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ. މިއީ އޭރު އިލްމީ ގޮތުން އެންމެ ކުރިއަރާފައިވާ ޗައިނާ، ގްރީސް، އިންޑިޔާ، ޕާޝިއާ، އަދި ރޯމް ގެ ވެސް ހާލަތެވެ. އެތަންތަނުގައި އިލްމާއި މެދު ސަމާލުކަމެއް ދީފައި ވަނީ ވިޔަފާރި ވެރިންނާއި ފާދިރީންނެވެ. 1000 ބީސީ އިން 1600 އޭޑީ އަށް މުޅީންވެސް ވެރިކަން ކޮށްފައިވަނީ ހަނގުރާމަވެރިންނާއި އެމީހުންގެ ދަރިންނެވެ. އެ ބިންތަކަކީ އެމީހުން ގަދަ ބާރުން ހޯދާފައިވާ ބިންތަކެވެ. މި އުސޫލުގެ ބޭރުން އެންމެ ފުރަތަމަ އިލްމު އުނގެނިފައިވާ އަންހެން ވެރިޔަކަށް ފާހަނގަކޮށްލެވެނީ ފިރުއައުނު ކްލިއޯޕެޓްރާ އެވެ (51 ބީސީ). އޭނާ އަކީ ނުވަ ބަހުން ވާހަކަ ދައްކަން ދަންނަ ވިސްނުންތެރި ފަލްސަފާވެރިޔެކެވެ. އެއަށް ފަހު ތިއޮޑޯރާ (500) ވެސް ވަނީ ތައުލީމާއި ސިއްހަތަށް ގިނަގުނަ މަސައްކަތެއް ކޮއްދީފައެވެ. ސުލްތާނާ ޖަހާން (ނަވާބު ބޭގަމް) ގެ ވެރިކަމުގައި އޭނާ ވަނީ އަންހެނުންގެ ތައުލީމަށް ވަކީން ހާއްސަ އަހަންމިއްޔަތެއް ދީފައި ވެއެވެ. މީގެ އިތުރުން އަސާސީ ތައުލީމު މަޖުބޫރުކޮށް ހުރިހާ އެންމެންނަށް ހިލޭ ތައުލީމުގެ ފުރުސަތު ހުޅުވާލެއްވި އެވެ (1918). ބަންގްލަދޭޝް ގައި ހާލިދާ ޒިއާ (1991) އަދި ޝޭހް ހަސީނާ (2001) ވަނީ އެކި ގޮތްގޮތުން ތައުލީމީ ކުރިއެރުންތަށް ގެނެސްފައެވެ.
އިންސާނީ ހައްގުތަކަށް ބަލާއިރު ހުރިހާ ގޮތަކުންވެސް އަންހެން ވެރިން އުޅެނީ ކުރީގައެވެ. ދުނިޔޭގެ ތާރީހުގައި އަމިއްލަ ގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ ހުރިހާ ބޮޑެތި ލޭއޮހޮރުވުން ތަކެއްގެ ފަހަތުގައި ވަނީ ފިރިހެން ވެރިންނެވެ. މީގެ މިސާލެއްގެ ގޮތުން ހަމަ އެކަނި ކޮމިއުނިސްޓް ގައުމުތަށް (ޔޫ.އެސް.އެސް.އާރު، ޗައިނާ، އަދި ވިއެޓްނާމުން ވެސް ފުދޭނެއެވެ. ރައްޔިތުން ހިމާޔަތް ކުރުމާއި، ފަގީރުންނާއި، އާއިލާތަކާއި ކުޑަކުދިންނަށް އަޅާލުމުގައި އަންހެން ވެރިން އުޅެނީ ފިރިހެން ވެރިންނަށް ވުރެ އެތަށް ގުނައެއް ކުރީގައެވެ. ހެންރީ 5 ހަތިޔާރު އެއްކުރަމުން ދިޔައިރު ވިކްޓޯރިޔާ ދިޔައީ ފަގީރުންނަށް އަޅާލަމުންނެވެ. ކެތަރިން އާއިލާތަށް ދިރިއުޅޭ ތަންތަނުގެ އުމްރާނީ ހާލަތު ރަނގަޅު ކުރަމުން ދިޔައިރު ލުވިސް 14 ދިޔައީ މަސްތުވުމާއި މަޖާ ކުރުމުގައި ފައިސާތަށް ހޭދަކުރަމުންނެވެ.
ގުދުރަތީ މާހައުލު ހަލާކު ނުވާނޭހެން ބެލެހެއްޓުމުގައި ވެސް އަންހެން ވެރިން ވަނީ ފިރިހެން ވެރިންނަށް ވުރެ ބޮޑު އަހަންމިއްޔަތު ކަމެއް ދީފައެވެ. އެމެރިކާއިން ސަހަރާގައި އެޓަމް ބޮން ޓެސްޓު ކުރަމުން ދިޔައިރު (1935) ޖަސިންދާ (2018) ދިޔައީ 1.4 މިލިއަން ގަސް އިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ތާރީހަށް ބަލާ އިރު ފާހަނގަ ކޮށްލެވޭ އަންހެން ވެރިންނަކީ ރެހެންދި ހަދީޖާ (1347)، ރާދަފަތި (1380)، އަދި އާމިނާ ކަނބާފާނު (1753) މިއެވެ. ނަމަވެސް ރާއްޖޭގެ ތާރީހު ރަނގަޅަށް ރައްކާ ކޮށްފައި ނެތުމުން އެމީހުން ކޮށްދީފައިވާ ހިދުމަތްތަކުގެ ތަފްސީލެއް ފެންނާކަށް ނެތެވެ.
މިހާތަނަށް މި ފާހަނގަ ކޮށްލެވުނީ އަންހެނުންނާއި ފިރިހެނުންގެ ވެރިކަންތަކުން ފާހަނގަކޮއްލެވުނު ކުޑަ ތަފާތު ތަކެކެވެ. ނަމަވެސް އާންމު ނަޒަރަކުން ބަލާއިރު ތަފާތު ތަކަށްވުރެ ގިނައީ އެއްގޮތް ކަންތަކެވެ.