en
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
Kurimagu
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
Kurimagu
Home ތާރީހް

ހަމުރާބީ ގެ ކޯޑު: އިންސާނީ ހައްގު ތަކުގެ ފެށުން

ހަމުރާބީ އަކީ ބެބިލޯނުގެ 6 ވަނަ ރަސްގެފާނެވެ. އޭނާ ވެރިކަން ކޮށްފައި ވަނީ މީގެ 3812 އަހަރު ކުރިންނެވެ. (1792 ބީސީ އިން ފެށިގެން 1750 ބީސީ އަށެވެ.) އޭނަގެ ވެރިކަމުގައި ބެބިލޯނުގެ ބާރު ފުޅާވެ ޔޫފަރެޓީސް(ފުރާތު) ކޯރުން ފެށިގެން މެސޮޕޮޓެމިއާ އާއި ހަމަޔަށް ވެރިކަން ފެތުރިފައި ވެއެވެ.

ހަމުރާބީގެ ކޯޑުގައި ވަނީ 282 ގާނޫނެވެ. މި ގާނޫނު ތަކުގައި އާއިލާ ތަކަށާއި ވިޔަފާރި ތަކަށް ގާނޫނީ ހިމާޔަތް ދީފައި ވެއެވެ. އަދި އިންސާނީ އެކި ހައްގުތަށް ރައްކާތެރި ކޮށްދީފައި ވެއެވެ. މިއީ އިންސާނީ ތާރީހުގައި މިގޮތަށް އެކުލާވާލެވިފައިވާ ފުރަތަމަ ގާނޫނެވެ. އެހެން ކަމުން މިއީ އިންސާނީ ހައްގުތަށް ހިމާޔަތް ކުރުމުގެ ފެށުން ކަމަށް ބެލެވިދާނެއެވެ.

 

ހަމުރާބީ ގެ ކޯޑުން ފާހަނގަ ކޮށްލެވޭ ގާނޫނު ތަށް:

1- މީހަކު އަނެކާ އަށް މަރުގެ ތުހުމަތު ކުރުމަށް ފަހު އެކަން ސާބިތު ކޮށް ނުދެވިއްޖެ ނަމަ އެ ތުހުމަތު ކުރި މީހާ ގަތުލު ކުރެވޭނެއެވެ.

މުދަލާއި ވިޔަފާރި

10- މީހަކު ގަނެފައިވާ މުދަލެއް އެހެން މީހަކު އެއީ އޭނަގެ މުދަލެއް ކަމަށް ބުނެފި ނަމަ އެ ގަތްމީހާ އެމުދާ ގަތް މީހަކު ނުވަތަ އެ ވިއްކި ތަން ފެނުނު ހެކި ވެރިޔަކު ކޯޓަށް ހުށަހަޅަން ވާނެއެވެ. މިގޮތުން އެ މުދާ ގަތް މީހަކު ނުވަތަ ވިއްކި ތަން ފެނުނު މީހަކު ނެތްނަމަ އޭނާ އަކީ ވަގެއް ކަމަށް ނިންމައި ދައުވާ އުފުލި މީހާ އަށް އެ މުދާ ހަވާލު ކުރުމަށް ފަހު ދައުވާ ރައްދުވާ ފަރާތް ގަތުލު ކުރެވޭނެއެވެ.

22- މީހަކު ވައްކަން ކުރަނިކޮށް އަތުލައިގެންފި ނަމަ އޭނާގެ ހުކުމަކީ ގަތުލު ކުރުމެވެ.

40- އަންހެނަކު، ވިޔަފާރި ވެރިޔަކު، ނުވަތަ އެހެންވެސް މުދަލުގެ ވެރިފަރާތަކުން އޭނަގެ ގޮވާން ކުރާ ބިން، ބަގީޗާ، ނުވަތަ ގެ އެހެން މީހަކަށް ވިއްކާލެވިދާނެ އެވެ. އަދި އެ ގަންނަ ފަރާތަކުން އެ ތަނުގެ ބޭނުން ކުރެވިދާނެ އެވެ.

88- ވިޔަފާރި ވެރިޔަކު އެހެން މީހަކަށް ގޮވާން ތަކެއް ލޯނެއްގެ ގޮތުގައި ދީފި ނަމަ ކޮންމެ ގުރު އަކަށް އޭނާ އަށް ލިބޭނީ 100 ސީލަތުގެ (33 ޕަސެންޓު) އިންޓްރެސްޓެވެ. އޭނާ ލޯނުގެ ގޮތުގައި ދީފައި ވަނީ ފައިސާ ކަމުގައި ވާނަމަ އެއް ށިކަލް އަށް ލިބޭނީ ފަސް ބައި ކުޅަ އެއްބައި އިންޓްރެސްޓެވެ.

105- މުދާ ވިއްކި އެޖެންޓު ފަރުވާ ކުޑަ ކޮއްލައި ފައިސާގެ ރިސިޕްޓު (ރަސީދު) ނުހޯދައިފި ނަމަ އެ މުދާ ވިއްކި ފައިސާ އޭނަގެ ހިސާބުގައި ހިމަނައިގެން ނުވާނެއެވެ.

 

އިޖްތިމާއި މައްސަލަ ތަށް

14- ކުޑަ ކުއްޖަކު ވަގަށް ނަގައިފި މީހާގެ ހުކުމަކީ ގަތުލު ކުރުމެވެ.

117- މީހަކު ދަރަނިވެރި ވުމުގެ ސަބަބުން އޭނަގެ އަނބި ނުވަތަ ދަރިން ވިއްކައިފި ނަމަ ނުވަތަ އެމީހުން މަސައްކަތް ކުރުމަށް ފޮނުވައިފިނަމަ، އެމީހުން ގަތް ފަރާތުން އެމީހުން 3 އަހަރު ގެންގުޅުމަށް ފަހު 4 ވަނަ އަހަރު މިނިވަން ކުރަން ވާނެއެވެ.

129- މީހެއްގެ އަންބަކު އެހެން ފިރިހެނަކާއި އެކު ރޭކޮށްފި ނަމަ އެދެމީހުން ބަނުމަށްފަހު ކޯރަށް އެއްލައި ލެވޭނެއެވެ. ނަމަވެސް އޭނަގެ ފިރިމީހާ އެ އަނބިމީހާ ސަލާމަތް ކުރުމަށް ބޭނުންނަމަ ރަސްގެފާނު އޭނާ ސަލާމަތް ކޮއްދެއްވާނެއެވެ.

138- ފިރިހެނަކު އޭނަގެ އަނބިމީހާ ވަރިކުރަން އެދޭނަމަ އެ ދެމީހުންނަށް ދަރިޔަކު ލިބިފައި ނުވާނަމަ އޭނަގެ ކައިވެނީގެ ރަނުގެ އަދަދު އަބުރާ ދޭން ވާނެއެވެ.

195- ދަރިޔަކު އޭނަގެ ބައްޕަގެ ގައިގައި ޖަހައިފި ނަމަ އޭނާ ޖެހި އަތް ބުރި ކުރެވޭނެއެވެ.

196- މީހަކު އަނެކާގެ ލޯ ހަލާކު ކޮށްފި ނަމަ އެ ހަލާކު ކުރި މީހާގެ ލޯ ހަލާކު ކުރެވޭނެއެވެ.

197- އެއްވެސް މީހެއްގެ ގުނަވަނެއް ބިންދައިފި ނަމަ އެ ބިންދި މީހެއްގެ އެ ބިންދި ގުނަވަނެއް ބިންދައި ލެވޭނެއެވެ.

 

މިނިމަމް ވޭޖް

252- ގޮވާން ދަނޑުގައި މަސައްކަތް ކުރާ މީހާގެ މުސާރައަކީ އަހަރަކު 8 ގުރްގެ ގޮވާމެވެ.

234- ވަޑިއަކު 60 ގުރްގެ އޮޑިއެއް ބަންނަ ކަމަށް ވާނަމަ އޭނަގެ މުސާރަ އަކީ 2 ށަކަލް އެވެ.

 

މި ކޯޑުގައި ފާހަނގަ ކޮށްލެވޭ ކަމަކީ ހުރިހާ އެންމެން ވެސް ގާނޫނަށް ތަބާ ވާން ޖެހޭ ކަމެވެ. ހަމަ އެއާއި އެކު ގެވެށި އަނިޔާ ފަދަ ކަންކަމުން ސަލާމަތް ވެވޭނެ ގޮތްތަށް އެކުލަވާލާ ފައި ވެއެވެ. މިގޮތުން އަންހެނުންނަށް ވަރި ވުމުގެ ބާރު ދީފައި ވެއެވެ.

މީގެ އިތުރަށް މި ކޯޑަކީ އެންމެންނަށް ފެންނާނޭ ހެން ލިޔެވި އެންމެން ދަންނަ ކޯޑަކަށް ވުމުން ގާނޫނުގެ ބޭރުން ހުކުމް ކޮށް ފަނޑިޔާރުން ބޭނުން ކޮންމެ އަދަބެއް ނުދެވޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކޮރަޕްށަން ގެ ފުރުސަތު ކުޑަވެގެން ދާނެއެވެ.

ކޮންމެއަކަސް މި ގާނޫނު ތަކަކީ މި ޒަމާނަށް ފެތޭ ގާނޫނު ތަކެއް ނޫނެވެ. ނަމަވެސް ހަމުރާބީ ވެރިކަން ކުރެއްވި ދުވަސްވަރަށް ބަލާއިރު މިއީ އެ ޒަމާނުގައި އެންމެ ބޮޑަށް އިންސާނީ ހައްގުތަށް ރައްކާތެރި ކޮށްދިފައިވާ ގާނޫނެވެ. އަދި މިއީ އިންސާނީ ތާރީހުގައި މިޒަމާނުގައި ވެސް ގާނޫނު އެކުލަވާލެވިފައިވާ ގޮތަށް ގެނެސްފައިވާ ފުރަތަމަ ގާނޫނެވެ.

 

 

  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން