”އަހަރެން ފުރާ ފުރިހަމަވީ ހިސާބުން ފެށިގެން މިއަދާއި ހަމަޔަށް އުޅެމުން މިދިޔައީ ކަނޑު މަތީގައެވެ. 40 އަށް ވުރެ ގިނަ އަހަރު ވޭތުވެގެން ހިނގައްޖެއެވެ. އިންސާނަކު ދަތުރު ކޮށްފައި ހުރި ކޮންމެ ހިސާބަކަށް އަހަރެން ވެސް ދަތުރު ކޮށްފައި ހުންނާނެއެވެ.“ ކޮލަމްބަސް ދަތުރު ނިންމާފައި އައިސް ސްޕެއިންގެ ރާނީ އިޒަބެއްލާ އަށް ފޮނުވި ސިޓީގައި ލިޔެފައި ވެއެވެ.
އެންމެ ކުރީއްސުރެ އިރު މައްޗަށް ދަތުރު ކުރުމަކީ ކޮލަމްބަސް ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް މި ހުވަފެން ހަގީގަތަށް ހެދޭނޭ ގާބިލުކަން އަތުގައި ނެތުމުން އެ ހުވަފެން އޮތީ ހަގީގަތަކަށް ނުވާ ހިޔާލެއް ގޮތުގައެވެ.
ޔޫރަޕުގެ ކާރި ހިސާބުތަކަށް ދަތުރު ކުރުމުގައި އަހަރުތަކެއް ވޭތު ކުރުމަށްފަހު އުމުރުން 30 އަހަރުގައި ދަތުރު މަޑު ޖައްސާލުމަށް ފަހު ލިސްބަން ގެ އަންހެނަކާއި ކައިވެނި ބައްލަވައިގަތެވެ. އަދި އެ ސިޓީއަށް ދިރިއުޅުން ބަދަލު ކުރިއެވެ. އޭނަގެ އަނބިކަނބަލުން ފިލިއްޕާ ގެ ބައްޕަ އަކީވެސް ފަޅުވެރިއެކެވެ. އެ ދެމީހުން ވަނީ އެކުގައި އެތަށް ދަތުރު ތަކެއް ކޮށްފައެވެ. މިދުވަސްވަރު އޭނަގެ ހުވަފެން ޕޯޗުގީޒް ރަސްގެފާނާއިވެސް ހިއްސާ ކުރަމުން ގެންދިޔައެވެ.
މިގޮތަށް ހަޔާތް ވޭތު ކުރަމުން ދަނިކޮށް ޕޯޗްގީޒް ރަސްގެފާނު ކޮލަމްބަސްގެ ބޯޓު ހަނގުރާމަޔަކަށް ފޮނުވައިގެން އުޅުމުގެ ތެރޭގައި ލިސްބަން ކައިރިން ދުޝްމަނުން އެއަށް ހަމަލާ ދީ އޭގައި އަލިފާން ރޯކޮއްލައެވެ. މި ހަބަރު ލިބުމާއި އެކު ދުވެފައި ގޮސް ޑިންގީ އަކަށް އަރައިގެން ބޯޓާއި ދިމާލަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް ބޯޓު ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. މިއީ ކޮލަމްބަސް ދެކެމުން އައި އިރުމައްޗައް ދަތުރު ކުރުމުގެ ހުވަފެނާއި ގުޅިފައިވާ ބޯޓެވެ.
1474 ވަނަ އަހަރު ރަސްގެފާނު ކޮލަމްބަސް އަށް ފޮނުވި ސިޓީގައި ވަނީ ’…ތިބާ މިކަމުގައި ކުރިޔަށް ދާން ހުރިނަމަ މިކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަމެވެ…‘ ނަމަވެސް ފަހުން ރަސްގެފާނުގެ ދަރުބާރުގެ މީހުން އިރުމައްޗަށް ދަތުރު ކުރުމަކީ ވާނޭ ކަމެއް ނޫން ކަމަށް ބުނުމުން އެ ރަސްގެފާނުގެ ހިޔާލު ބަދަލު ކުރިއެވެ.
އޭގެ ފަހުން ޖޯން ވެރިކަމަށް އައުމުން އޭނައަށް ވެސް މި ހުވަފެނީ ޕްލޭން ހުށަހެޅިއެވެ. މިއީ އެރަސްގެފާނު ވަރަށް ގަޔާވި ޕްލޭނަކަށް ވިއެވެ. ނަމަވެސް އެ ދަތުރު އެހެން މީހަކާއި ހަވާލު ކުރިއެވެ. އެއަށް ފަހު ކޮލަމްބަސް ނިންމީ ސްޕެއިން އަށް ގޮސް އެތަނުގެ ރާނީ އަށް މި ޕްލޭން ހުށައެޅުމަށެވެ. ނަމަވެސް މާޔޫސް ވެފައި ހުރުމާއި އެކު ލިސްބަން ގައި އަނބިކަނބަލުންނާއި ދަރިކަލުން ކާރީގައި ދުވަސްކޮޅަކު މަޑުކުރި އެވެ.
1484 ވަނަ އަހަރު ކޮލަމްބަސްގެ އަނބިކަނބަލުން އަވަހާރަ ވިއެވެ. އޭނާ ވަންނާނޭ ބޯހިޔަލެއް ނެތެވެ. އެހެން ކަމުން އޭނަގެ ހުރި ހަމަ އެކަނި ދަރި ޑިއެގޯ ގޮވައިގެން ލިސްބަން އިން ފުރައިގެން އޭނަގެ އުފަން ސިޓީ އަށް ދިޔައެވެ. އެއަށްފަހު އެ ސިޓީގެ މީހުންނަށް ވެސް އޭނަގެ ހުވަފެން ކިޔައިދެމުން ދިޔައެވެ. ނަމަވެސް މި ދަތުރު ކުރެވޭނޭ ކަމާއި މެދު އެމީހުންނަށް ޝައްކެވެ. ސަބަބަކީ އަދި މިހާތަނަށް މީހަކު ގޮސްފައި ނުވުމާއި، ދުނިޔޭގެ އެއްވެސް ޗާޓެއްގައި ވެސް ނުވާ ހިސާބަކަށް ވުމާއި ތުންތުން މަތިން ދެކެވޭ ބިރުވެރި ވާހަކަ ތަކުގެ ސަބަބުންނެވެ. ނަމަވެސް ކޮލަމްބަސް ހުރީ އޭނަގެ ވިސްނުން ބަދަލު ކުރާ ގޮތަކަށް ނޫނެވެ.
މިފަހަރު މާގިނަ ދުވަހެއް ނުވަނީސް ސްޕެއިންގެ ދެކުނު އަވަށަކަށް ދިޔައެވެ. ގޮސް އެތަނުގެ ޑޫކް އަށް މި ޕްލޭން ކިޔައި ދިނެވެ. އޭނަވެސް ގަޔާވެ އެކަމުގައި އެހީތެރި ވާން އެއްބަސްވެ އެ ދަތުރަށް ހަތަރު ބޯޑު ދިނުމަށް ނިންމައިފިއެވެ. ކޮލަމްބަސް ހިންހަމަ ޖައްސައިގެން ހުއްޓާ ހަނގުރާމައެއް ކުރިމަތިވުމުން ޑޫކް އޭނަގެ ހިޔާލު ބަދަލު ކުރުމަށްފަހު އެ ބޯޓު ހަނގުރާމައަށް ފޮނުވައިފިއެވެ. މި ހަބަރު ލިބުމުން ދެން ސްޕެއިންގެ ރާނީ އާއި ބައްދަލު ކުރަން ނިންމި އެވެ. އެއަށް ފަހު ރާނީ އިޒަބެއްލާ ގެ ދަރުބާރަށް ގޮސް މި ޕްލޭން ހުށަހެޅި އެވެ. ނަމަވެސް މިއަށް ވަކި ޖަވާބެއް ނުދެއްވައި، ފަހުން ހަބަރެއް ވާނޭ ކަމަށް އެންގި އެވެ.
ދުވަސްތަށް ފާއިތު ވަމުން ދެއެވެ، ޖަވާބެއް އަދި ނާދެއެވެ، ކޮލަމްބަސްގެ ކެއްތެރިކަން ކޮޅުން ލައިފި އެވެ. ދެން ނިންމީ ފްރާންސްގެ ރަސްގެފާނަށް މި ހިޔާލު ހުށަހެޅުމަށެވެ. މިގޮތަށް ނިންމުމަށް ފަހު އޭނައާއި އޭނަގެ 12 އަހަރުގެ ދަރިފުޅު ގޮވައިގެން ފްރާންސް އަށް ދިޔައެވެ. އެތަނުގައި ފްރާންސްގެ ރަސްގެފާނާއި ބައްދަލު ކުރަން އުޅުމުގެ ތެރޭގައި ސްޕޭނުން މެސެޖެއް ލިބުނެވެ. އޭގައި ވަނީ އިޒަބެއްލާ ގެ ދަރުބާރަށް ހާޒިރު ވުމަށެވެ. ދެން އެއްޗެހި ބަންދު ކުރުމަށްފަހު ސްޕޭނަށް ދަތުރު ފެށިއެވެ.
ރާނީގެ ދަރުބާރަށް ހާޒިރު ވުމުން އެ ދަތުރަށް ބޭނުންވާނޭ ހުރިހާ ކަމެއް ހަމަޖައްސައި ދޭނެ ކަމަށް ދެންނެވިއެވެ. މިގޮތުން ހަރަދުތަށް ބެލެހެއްޓުމަށް ވިހި ހާސް ރަންފޮތި ހަމަޖެއްސިއެވެ. މި ލިބުނު އުފާވެރި ހަބާރާއި އެކު ހިމާރެއްގެ މަތީގައި ދަތުރު ކޮށްފައި ބަނދަރު ސިޓީ، ޕާލޯސް އަށް ދިޔައެވެ. އެތަނުގައި ދަތުރުގެ ހުރިހާ ތައްޔާރީ ތަކެއް ކުރަމުން ގެންދިޔައެވެ. ހުރިހާ ކަމެއް ނިމުމުން ދަތުރު ފެށީ ސެލްޓީސްގެ ބަނދަރުންނެވެ.
”ހުކުރު، އޯގަސްޓް 3، 1492: ސެލްޓީސްގެ ބަނދަރުން ފުރީ 8 ޖެހިއިރު، ވަޔާއި އެކު ދަނީ ފަނަރަ ލީގު ދެކުނަށް، އެއަށްފަހު ހުޅަނގު ދެކުނަށް، ދެން ހުޅަނގަށް، މިސްރާބު ހުރީ ހުރީ ކެނެރީ ރަށްތަކަށް“ ކޮލަމްބަސްގެ ޑައިރީގައި ލިޔެފައި ވެއެވެ. މިހިސާބުން ހިން ދަމާލިކީ ނޫނެވެ. އުނދަގޫތަކާއި ނުރައްކާ ތަކާއި ބިރުވެރި ކަން އޮތީ ކުރިއަށެވެ.