en
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
Kurimagu
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
EN
Kurimagu
Home ތާރީހް

އެތެންސް އަށް ރީތި ކަމާއި ޒީނަތްތެރިކަން ގެނައި ވެރިޔާ.

’ކަލޭގެ ބޯ ހީވަނީ ފިޔައެއް ހެން‘

ޖަވާބެއް ނައެވެ…

’ހީވަނީ ޖަނަވާރެއް ހެން، އެއްވެސް ތާކުންތާކު ނުޖެހޭ މީހެއް ތީ، ކަލޭގެ ބޯ ކަލޭގެ ހަށިގަނޑަށް ވުރެ ބޮޑު‘

ޖަވާބެއް ނައެވެ…

މި ޖަވާބު ނުދިން މީހަކީ އެތެންސް ގެ ވެރިކަމުގައި ހުރި ޕެރިކްލީޒް(pericles) އެވެ. އެ މީހާ ހަޅޭ ލަވަނީ ކީއްވެ ކަމެއް ނޭގެއެވެ. ނަމަވެސް ޕެރިކްލީޒް ހިނގާފައި އޭނަގެ ގެއާއި ދިމާލަށް ގޮސް ގެއަށް ވަނެވެ. އޭރު އިރު އޮއްސެނީއެވެ. ޕެރިކްލީޒް ގެއަށް ވަނުމަށް ފަހު އޭނަގެ ހާދިމަކަށް ގޮވާލިއެވެ. އަދި ހާދިމު އައުމުން އޭނަ ކާރި ބުންޏެވެ.

’ބައްތި އެއް ހިފައިގެން ގޮސް ބޭރުގައި އެހެރަ ފެންނަ މީހާ އަށް އެހީވެދީ އޭނާ ގޮވައިގެން އޭނަގެ ގެއަށް ލާފައި އާދޭ‘

މިއީ އެ އަނގަ ހުތުރު މީހާ ގެ ސުވާލުތަކަށް ޕެރިކްލީޒް ދިން ޖަވާބެވެ. އޭނަ އަކީ އޭނަގެ އަމިއްލަ ނަފްސަށް ފުރިހަމައަށް ބާރު ފޯރުވޭ މީހެކެވެ. ހަޑި ހުތުރު އެއްޗެހި ގޮވި އިރުވެސް ރުޅި އައިސް އެއްޗެކޭ ނުބުނެއެވެ. އަދި މިއީ އޭނަގެ ބަލިކަށި ކަމުން ނެއްވެސް ނޫނެވެ. ހަނގުރާމައިގެ ދުވަސްވަރު އޭނާ ހަނގުރާމަ ވެރިންނާއި އެކު ހަނގުރާމައިގެ މައިދާނަށް ގޮސް އެހެން ހަނގުރާމަވެރިންނެކޭ އެއްފަދައިން ހަނގުރާމަ ކުރިއެވެ.

އޭނާ އަކީ އެތެންސް ގެ ރައްޔިތުންގެ ލޯބި ލިބިފައިވާ އެމީހުންނަށް އެތަށް ގުނަ ކަންތައްތަކެއް ކޮށްދިން ވެރިއެކެވެ. މިއިން ބައެއް ކަންތަކުގެ ތެރޭގައި ތިއޭޓަރަށް ވަނުމަށް ފައިސާ ދެއްކޭ ވަރު ނުވާ މީހުންނަށް ފައިސާ ހަމަޖައްސައި ދިނެވެ. ސިފައިންނަށް މަހުން މަހަށް މުސާ ދެއްވިއެވެ. އަދި ކަނޑުގެ ސަރަހައްދު ދިފާއު ކުރެއްވުމަށް އަށް މަހުން އަށް މަހުން ހަ ބޯޓު ބަދަލުވާ ގޮތަށް ޕެޓްރޯލް ކުރުމަށް ހަމަޖައްސައި އޭގެ ފަޅުވެރިންނަށް މުސާރަ ލަސް ކުރުމެއް ނެތި ދެމުން ގެނދިޔަ އެވެ. ފަގީރުންނަށް ޒުވާރީ ވިކާ އަގު ކުޑަ ކުރެއްވިއެވެ. އަދި ބޭރު ގައުމުތަކުގައި ދިރިއުޅެން ބޭނުންވާ މީހުން އެތަން ތަނަށް ފޮނުވައި އެ މީހުންގެ ސަލާމަތީ ކަންކަން އެތެންސް އިން ބެލެހެއްޓިއެވެ.

ޕެރިކްލީޒްގެ ދުވަސްވަރު އެތެންސް ގެ މަގުމަތިން ތިބާ ހިނގައިފިނަމަ އެކި މީސްމީހުން އިމާރާތް ކުރުމަށާއި ފާރު ރޭނުމަށާއި ފައްޅި ބިނާކުރުމަށާއި ރީތި ޑިޒައިން ތަކަށް ހިލަ ކެނޑުމުގެ މަސައްކަތުގައި އަވަދި ނެތި އުޅޭ ތަން ފެންނާނެއެވެ.

ރީތި ސިފަ ސިފައިގައި އެކި ކަލާންގެ ތަކުގެ ބުދު ތަކާއި ހިރިގަލުގެ މަންޒަރުތަށް މަގު ތަކާއި ފައްޅި ތަކުގައި ބަހައްޓާފައި ވެއެވެ. މީގެ ތެރެއިން ފާހަނގަ ކޮއްލެވޭ ބުދަކީ ރަނުން ހަދާފައިވާ އެތީނީ ގެ ބުދެވެ.

މި ހުރިހާ ރީތި ކަމެއް ގެންނަން ފައިސާ ހޯދީ ކިހިނެތް ބާއެވެ؟ އެފައިސާ އަކީ ސަރުކާރަށް ވަންނަ ޓެކްސް ލާރި އެވެ.

މިގޮތަށް އެތެންސް ގެ ވެރިކަމުގައި 40 އަހަރު ހޭދަ ކުރެއްވިއެވެ.

ޕެރިކްލީޒް އަކީ ދީލަތި މީހެކެވެ. އަބަދުވެސް ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތަށް ފުއްދައި ދެއެވެ. އެއްފަހަރަކު މުސްކުޅި ހިކްމަތްތެރި މީހަކު ފަގީރުވެ ނިކަމެތި ހާލު ބޮޑުވެގެން މަރުވާން ވެގެން މޫނުގައި ފޮތި އޮޅައިގެން އޮށޯވެއްޖެއެވެ. މި ހަބަރު މީސްތަކުންނަށް އިވުމުން ދުވެފައި ޕެރިކްލީޒް ގާތަށް ގޮސް މިވާހަކަ އިއްވައިފިއެވެ. މި ހަބަރު ލިބުމާއި އެކު އޭނަގެ ގެއަށް ހިނގާފައި ގޮސް އޭނާ ކައިރީގައި ރޮއެފައި މިހެން ބުންޏެވެ.

’އަހަރެންގެ ރަހުމަތްތެރިއާ، މިގޮތަށް މަރު ނުވޭ، އަހަރެމެން ބޭނުމެއް ނޫން ތިބާ ބީވެދާކަށް ތީ އަހަރެމެން އެންމެން ލޯބިވާ މީހެކެވެ.‘

އޭނާ ޖަވާބުގައ ބުންޏެވެ ’ޕެރިކްލީޒް، ބައްތީގެ އަލިކަން ބަހައްޓަން ބޭނުންވާ މީހާ އެ ބައްތިއަށް ހުސް ނުކޮއް ތެޔޮ އަޅާފައި ބަހައްޓަން ވާނެއެވެ.‘ އޭނާ އެބުނީ މީހުން އޭނާ ދުނިޔޭގައި ހުންނަން އެދޭނަމަ އޭނާ އަށް ކާންދީ އަޅާލާ ވާހަކަ އެވެ.

ޕެރިކްލީޒް އަވަހާރަ ވުމުގެ ދެ އަހަރު ކުރިން ހަނގުރާމަ އެއް ފެށުނެވެ. މި ހަނގުރާމައިގެ އިދިކޮޅު ބަޔަކީ ސްޕާޓާ އެވެ. މި ހަނގުރާމަ 30 އަހަރަށް ދެމިގެން ދިޔައެވެ. ނަމަވެސް ޕެރިކްލީޒް އަށް ފެނުނީ މި ހަނގުރާމައިގެ ފެށުނު ހިސާބެވެ. އޭނާ 40 އަހަރުން ތަރައްގީ ކުރި ސިޓީގެ ފާރުތަކާއި އެކު ބިމާއި ހަމަ ވި ތަން ބަލަން ހުރި ނަމަ ހިތަށް އަސަރު ކުރާނެކަން ޔަގީނެވެ.

މި ހަނގުރާމަ އަށް 150 ބޯޓު ތައްޔާރު ކުރެވުނެވެ. އެ ބޯޓުތަށް ފުރަން އޮތް ދުވަހު ކޭތަ އެއް ހިފިއެވެ. މިކަމާއި ބައެއް މީހުން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އަދި ބޯޓު ކައްޕީން ފުރުމާއި ދެކޮޅު ހެދި އެވެ. އެވަގުތު ޕެރިކްލީޒް ލައިގެން ހުރި ޓޯގާގެ ފޮތިން ބައެއް އެތަނުން މީހެއްގެ މޫނު މަތީގައި ނިވާވާ ގޮތަށް އެޅުމައްފަހު ބުންޏެވެ.

’މި ޓޯގާގެ ފޮތިން ބައެއް މިގޮތަށް މޫނު ކުރިމައްޗައް ގެނައުމުން ބިރުގަނޭ ހެއްޔެވެ؟‘

ނޫން، ސާރ

’ކޭތަ އެއީ އަހަރެން ގެ ހެދުމުގެ ފޮތި ފަދައިން އިރު ކުރިމައްޗައް އަރާ ނިވަލެކެވެ. ދެން ކީއްވެ ކޭތަ ދެކެ ބިރުގަންނަން ވީ؟‘

މިހެން ބުނުމުން ފަޅުވެރިން ބިރު ކެނޑި ބޯޓަށް އަރައިފިއެވެ. މި ބޯޓުތަށް ހަނގުރާމައަށް ދިޔުމަށް ފަހު އެއްވެސް ކަމެއް ނުކޮއް އަނބުރާ އެތެންސް އަށް އައިސް އޭގައި ތިބި ފަޅުވެރިން ހައިޖާނު ހަދައި ހަރަދު ކަމަށް ބުނެ، ޕެރިކްލީސް އަތުން އެތަށް ފައިސާއެއް އަތުލައިފިއެވެ. ނަމަވެސް ފަހުން އެ ނެގި ފައިސާ ތަށް ހަވާލު ކުރިއެވެ. އަދި މިދުވަސްވަރު އެތެންސްގައި ނުރައްކާތެރި ބަލިއެއް ފެތުރެން ފަށައިފި އެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ބަލި ފެތުރުނީ ސްޕާޓަން މީހުންނަށް އަތުނުވާން ފިލަން ވެގެން އެތެންސް އަށް ދިޔަ މީހުންގެ ފަރާތުންނެވެ. ހާހުން މީހުން މަރުވާން ފަށައިފިއެވެ. މިބަލީގައި ޕެރިކްލީޒް ގެ ދަރިންވެސް މަރުވެއްޖެއެވެ. މިތަނުން އެއް ދަރީގެ ބޮލުގައި މާފަތި އެޅުވި ވަގުތު އެ މުސްކުޅި ބައްޕަގެ ލޮލުން ކަރުނަ އޮއްސައިގެން ދިޔައެވެ. މީގެ މާ ގިނަ ދުވަހެއް ނުވަނީސް ޕެރިކްލީޒް ހުން އައިސް ބަލި އެނދުގައި އޮށޯވެއްޖެއެވެ.

އެއް ދުވަހަކު ރައްޓެހިން އޭނަގެ އެނދު ކައިރީގައި ތިބެ ވާހަކަ ދައްކަމުން ގޮސް އެކަކު ބުންޏެވެ.

’ޕެރިކްލީޒް އެތެންސް ކިހާ ޒީނަތްތެރި ކޮއްފައި އެހެރީ، ބޭރު ގައުމުތަކުން ވެސް މީހުން އައިސް ތައުރީފު ކުރޭ‘

އޭނާ ހީކޮއްގެން ހުރީ ޕެރިކްލީޒް އޮތީ ނިދާފައި ކަމަށެވެ. ’އެ ފަރުބަދަ ކައިރީގައި ހުރި ރީތި ފައްޅި ބަލާބަލާށެވެ. ކިހާ ފުރިހަމަ ހެއްޔެވެ؟ އެ ތަންތަން ޕްލޭން ކޮށް ޕެރިކްލީޒް އިސްވެ ހުރެ ކުރިޔަށް ނުގެންދިޔަ ނަމަ މިއަދު ފެންނަން ނެތީހެވެ. އަދި ހިލޭ ތިއޭޓަރަށް ދެވޭތީ މީހުން އެތިބީ ކިހާ ހިންހަމަ ޖެހިފައި ހެއްޔެވެ؟ ކާރި ހިސާބުތަކުގެ މީހުން އަހަރެމެންނަށް ޖިޒީ ދައްކައި އުޅުނީ އަހަރެމެންގެ ވެރިޔާގެ ކުޅަދާނަ ކަމާއި އޭނަގެ ބާރު ދެކެ ބިރުންނެވެ.‘

’އޭ ރަހުމަތްތެރިޔާ އެވެ.‘ ޕެރިކްލީޒް އަޑު އަހަން އޮވެފައި ބުންޏެވެ. ’އެހެން މީހުންވެސް އެފަދަ ކަންތަށް ކޮއްފައި އެބަ ހުއްޓެވެ. ނަމަވެސް އަހަރެން އެންމެ ފަހުރުވެރިވާ ކަންތަށް ތިބާ ނުބުނަމެވެ.‘

’އެއީ ކޮންކަމެއް ތޯއެވެ؟‘

’އެއީ މި އެތެންސްގެ އެއްވެސް ރައްޔިތަކު އަހަރެންގެ ސަބަބުން ކަރުނަ އަޅާކަށް ނުޖެހުމެވެ. އަދި އަހަރެންގެ ސަބަބުން އެއްވެސް މީހަކު މަރުނުވުމެވެ.‘ އެއަށް ފަހު މާގިނަ އިރެއް ނުވަނީސް ޕެރިކްލީޒް އަވަހާރަ ވެއްޖެއެވެ.

އެ ރަހުމަތް ތެރިއާ ބުނި ފައްޅީގެ އަސްލު ގްރީކް ނަމަކީ ޕާތިނޮން އެވެ. އެތަން އިމާރާތް ކުރެވިފައި ވަނީ ހިރިގަލުންނެވެ. އަދި ފާރު ބަދަލުގައި ވަށައިގެން ޖަހާފައި ވަނީ ތަނބުތަކެވެ. އެ ތަނބު ތަކުގައި ވަނީ ކަނޑައި ކުރަހާފައެވެ. އެ ކުރެހުން ތަކުގައި އެކި ފަހުލަވާނުންގެ މަންޒަރު ހިމެނެއެވެ. މީގެ އެތިކޮޅުކޮޅުތަށް މިހާރު ވަނީ ޝިކާގޯ އަދި ނިއުޔޯކު އާޓް މިއުޒިއަމް ގައި ރައްކާ ކުރެވިފައެވެ.

ފަހުން ނަސާރާއިންގެ ދުވަސްވަރު މިތަން އެމީހުންގެ ފައްޅި އަކަށް ބަދަލު ކުރިއެވެ. އެއީ 1300 އިގެ އަހަރު ތަކެވެ. އެއަށް ފަހު 1400 އިގެ އަހަރު ތަކުގައި އެތަން ތުރުކީގެ ބާރުގެ ދަށަށް އައެވެ. އަދި އެމީހުން އެތަން މިސްކިތަކަށް ބަދަލު ކުރިއެވެ.

މިގޮތަށް ހުއްޓާ 1587ވަނަ އަހަރު ތުރުކީ އާއި ވެނިސް އާއި ދެމެދު ހަނގުރާމަ ކުރެވެމުން ދަނިކޮށް އިވުނީ އަޑެކެވެ.

’ބޫމް….‘

ޕާތިނަން ތެރޭގައި ތުރުކީ މީހުން ރައްކާ ކޮއްފައި ހުރި ބަޑިބޭސްތަކެއްގައި ރޯވެ އެތަން ގޮވީއެވެ. މި ހާދިސާގައި އެ އިމާރާތް ގާތްގަނޑަކަށް އެއްކޮށްހެން ހަލާކު ވިއެވެ.

ހަނގުރާމަ އަކީ ރުޅިވެރިކަމުގެ ސަބަބުން އުފެދޭ އެއްޗެކެވެ. އެ ރީތި އިމާރާތް ވީރާނާ ވެގެން ދިޔައީ މިފަދަ ރުޅިވެރިކަމުގެ ހަނގުރާމައެއްގެ ސަބަބުންނެވެ.

 

މި ލިޔުމާއި ގުޅޭ ފޮޓޯތަށް:

Parthenon Drone View
Outer Wall Cheval Sculpture – Parthenon
A Couple – Parthenon
ޕެރިކްލީޒް ބެހެއްޓި އެތީނާގެ ބުދު
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން