en
  • ފުރަތަމަ ޞަފްހާ
  • ކުރިއެރުންތައް
  • ތާރީޚު
  • މާސްއަށް ކުރާ ދަތުރު
Kurimagu
  • ފުރަތަމަ ޞަފްހާ
  • ކުރިއެރުންތައް
  • ތާރީޚު
  • މާސްއަށް ކުރާ ދަތުރު
EN
Kurimagu

އެއް ޒަމާނެއްގައި…

ހުރިހާ ވާހަކައެއް ވެސް ފެށެނީ ’އެއް ޒަމާނެއްގައި…‘ މިހެންނެވެ. މިއީ އެ ’އެއް ޒަމާނެއްގެ‘ ކަން ކަން ހިނގައި ދިޔަ ގޮތުގެ ވާހަކަ އެވެ. ތިބާ ކުޑަ އިރު ތިބާގެ މަންމަ އަތަށް ކިރިޔާ އަތް ފޯރުވޭ ދުވަސް މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ތިބާގެ ވާހަކަ ފެށިގެން އަންނަނީ ’އެއް ޒަމާނެއްގައި ކުޑަ ކުއްޖަކު އުޅުނެވެ، އަދި އެ ކުއްޖާ އަކީ އަހަރެން ނެވެ.‘ ނަމަވެސް ތިބާ ކުޑައިރުގެ މާ ކުރީގައި އެއް ޒަމާނެއްގައި ތިބާ ގެ މަންމަ އާއި ބައްޕަ އަކީ ވެސް ކުޑަ ކުދިންނެވެ. މިއީ ތިބާ ގެ ހަނދާން ތަކަށް ވުރެ ކުރީގެ ހަނދާން ތަކެކެވެ. ނަމަވެސް މިއީ ތެދެއްކަން ތިބާ އަށް އެނގޭނެއެވެ. އަދި އޭގެ ކުރީގައި ތިބާގެ ބައްޕަގެ ބައްޕަ އަދި މަންމަގެ މަންމަ އަކީ ވެސް ކުޑަ ކުދިންނެވެ. އެއީ ވަރަށް ކުރީގެ ދުވަސް ވަރެކެވެ. މިހާރު އަހަރެމެންގެ ކާފަ އަދި މާމަ ފެނުމުން ’އެމީހުން ހާދަ މުސްކުޅިއޭ‘ މިހެން ހިތަށް އަރައެވެ. އެމީހުންގެ ވެސް ކާފަ އަކާއި މާމަ އެއް ތިއްބެވެ. އެމީހުންނަށް ވެސް އެއް ޒަމާނެއްގައި ކުޑަ ކުއްޖަކު އުޅުނެވެ. މިހެން ބުނެވި ދާނެއެވެ. މިގޮތަށް އެތަށް އަހަރެއް ފަހަތަށް ދެވިދާނެއެވެ. އަބަދުވެސް އެއް ޒަމާނެއްގެ ފަހަތުގައި އަނެއް އެއް ޒަމާން އެބަ ހުރެއެވެ.

ތިބާ ދުވަހަކު ވެސް ދެ ލޯގަނޑެއްގެ މެދުގައި ހުއްޓުނިން ތޯއެވެ؟ މިގޮތަށް ހުއްޓުމުން ތިބާގެ ސޫރަ ފުލު ފުލުން އެއް ސޫރައިގެ ފަހަތުގައި އެއަށްވުރެ ކުޑަ ކޮށް އަނެއް ސޫރަ ދިގު ރާސްތާ އަކަށް ދެމިގެން ގޮސްފައި ވާތަން ފެންނާނެއެވެ. އެ ސޫރަ ދުރުވާ ވަރަކަށް ފުސް ވަމުން ގޮސް އެންމެ ފަހަތުގައި ވާ ސޫރަ ސާފުކޮށް ނުވެސް ފެންނާނެއެވެ. އެ ހިސާބު ނުފެނުނަސް އެތާނގައި ތިބާގެ ސޫރަ ވާކަން ތިބާއަށް އެނގޭނެއެވެ.

’އެއް ޒަމާނެއްގެ‘ ވާހަކަ ވެސް ހަމަ މިފަދަ އެވެ. މި ވާހަކަ ގޮސް ނިމޭ ހިސާބެއް އަހަރެމެންނަކަށް ނޭނގެއެވެ. ކާފަގެ ކާފަގެ މިހެން ކިޔަމުން ގޮސް ވަކި ހިސާބަކުން ތިބާގެ ބޯ އަނބުރައި ގަންނަން ފަށައެވެ. ކޮންމެ ފެށުމެއްގެ ފަހަތުގައި އާ ފެށުމެއް އެބަ ހުރެއެވެ.

މިއީ އަޑި އެއް ނެތް ވަޅެއްގެ ތެރެއަށް ބެލުން ފަދަ ކަމެކެވެ. ވަޅު ތެރެ އަނދިރި އެވެ. އެހެން ކަމުން ކަރުދާސް ކޮޅެއްގައި އަލިފާން ރޯކޮއްފައި ވައްޓަމާ ހިނގާށެވެ. އެ ކަރުދާސް ކޮޅު ހުޅާއި އެކު އަޑިއަށް ދަމުން ދާނެއެވެ. އަދި ހުޅު ކޮޅުގެ އަލިން އެ ވަޅުގެ ފާރު އަލި ކުރަމުން އަޑިއަށް ދަމުން ދަމުން ދާނެއެވެ. އެންމެ ފަހުން އުޑުގައި ވާ ތަރިއެއް ހާ ކުޑަ އަލި ކޮޅަކަށް އޭތި ވެގެން ދާނެއެވެ. މިގޮތަށް ކުޑަ ވަމުން ގޮސް އޭތި ގެއްލެ އެވެ.

އަހަރެން ގެ ހަނދާން، އެ ހުޅު ކޮޅުގައި ހިފާފައިވާ ކަރުދާސްކޮޅު ފަދަ އެވެ. އަހަރެމެން އެ ބޭނުން ކުރަނީ އަހަރެމެންގެ ފާއިތުވި ދުވަސްތަށް އަލި ކުރުމަށެވެ. ފުރަތަމަ އަހަރެމެން ގެ ދުވަސް ތަކެވެ. އެއަށް ފަހު އަހަރެމެންނަށް ވުރެ ދޮށީ މީހުންގެ ކައިރިން އަހައިގެން އެމީހުން ގެ ދުވަސް ތަށް އޮޅުން ފިލުވަމުއެވެ. މިގޮތަށް ސުވާލު ކުރުމުން އެމީހުންގެ ހަނދާނުގައި ހުރި އެއްޗެއް ކިޔައި ދެއެވެ. އެއަށް ފަހު އަހަރެމެން ބަލަނީ ދުނިޔޭގައި އުޅެ މަރުވެ ގޮސްފައިވާ މީހުން ދޫކޮއްފައި ދިޔަ ލިޔުން ތަކަށެވެ. މިގޮތަށް އެމީހުން ލިޔުނު ވާހަކަ ތަކަށް ބެލުމުން އަނެއްކާވެސް ތަންކޮޅެއް ފަހަތަށް ދެވެ އެވެ. އެކި މީހުން ލިޔެފައިވާ ފަތް ފުތް ތަކާއި ކަރުދާސް ކޮޅުކޮޅު ތަށް ރައްކާ ކޮއްފައިވާ އިމާރާތް ތައް މިހާރު އެބަ ހުއްޓެވެ. އެ އިމާރާތް ތަކަށް ކިޔަނީ ’އާކައިވްސް‘ އެވެ. އެތަނުގައި މީގެ 100 އަހަރު ކުރިން ލިޔެފައިވާ ސިޓީތަށް އެބަ ހުއްޓެވެ. އެތަނުން އަހަންނަށް ފެނުނު ސިޓީއެއްގައި ލިޔެފައި ވެއެވެ. ’މައްމަ އަށް ވެދުން ސަލާމް… އިއްޔެގަ އަހަރެން ކެއި ޓްރަފުލްސް ވަރަށް މީރެވެ… ލޯބިވާ ވިލިއަމް ’ ވިލިއަމް އަކީ މީގެ 400 އަހަރު ކުރިން އިޓަލީގައި އުޅުނު ޕްރިންސް އެކެވެ. ޓްރަފުލްސް އަކީ މަޝްރޫމް ގެ ވައްތަރެކެވެ.

ނަމަވެސް މިގޮތަށް އަހަރެމެންނަށް ހޯދައި ގަނެވޭނީ ތާރީހުގެ އެކި މަންޒަރުގެ ތަންތަން ކޮޅެވެ. އެއީ އަހަރެމެންގެ ހުޅު ކޮޅު ވަޅު ތެރެއަށް ވެއްޓެމުން ދާލެއް ބާރު ކަމުންނެވެ. އެންހާސް އަހަރު… ފަސްހާސް އަހަރު… ދިހަ ހާސް އަހަރު ކުރީން ވެސް މީރު ކާއެއްޗެހި ކާހިތްވާ ކުދީން އުޅުނެވެ. ނަމަވެސް އެކުދިންނަކަށް އަކުރު ލިޔާކަށް ނޭގެއެވެ. ވިހި ހާސް… ފަންސާސް ހާސް އަހަރު އުޅުނު މީހުން ވެސް އަހަރެމެން މިކިޔާ ގޮތަށް ’ އެއް ޒަމާނެއްގައި..‘ މިހެން ކިޔައި އުޅުނެވެ. މިހިސާބުން އަހަރެމެން ގެ ހަނދާނުގެ އަލި ފަނޑު ވެއެވެ… މިހާރު އެއްކޮށް ފަނޑުވެ ނިވިއްޖެއެވެ. ނަމަވެސް އަހަރެމެންނަށް އެނގޭ ކަމަކީ ތާރީހު މިއަށްވުރެ ވެސް އެތަށް ހާސް އަހަރެއް ފަހަތަށް ގޮސްފައި ވާ ކަމެވެ. މިގޮތަށް ދަމުން ދަމުން ގޮސް މީހުން ނޫޅޭ ޒަމާނަކަށް ދެވެއެވެ. އެއަށް ވުރެވެސް ފަހަތަށް ދިޔުމުން ފަރުބަދަ ތަށް މިހާރު މިފެންނަ ގޮތާއި ތަފާތެވެ. ބައެއް ފަރުބަދަތަށް ވަރަށް ބޮޑެވެ. ނަމަވެސް ބޯ ވާރޭ ވެހުމުން ކުޑަ ވެފައިވާ ފަރުބަދަ ތަށް ފެންނާނެއެވެ. އަދި މިހާރު މިފެންނަ ބައެއް ފަރުބަދަތަށް އޭރު ނުވެސް ނެތެވެ. އެ ފަރުބަދަ ތަކަކީ ކަނޑު އަޑީން އެތަށް މިލިޔަން އަހަރު ތަކެއް ފަހުން އުފެދުނު ފަރުބަދަ ތަކެކެވެ.

ނަމަވެސް މި ބުނި ފަރުބަދަ ތަށް ވެސް އުފެދުމުގެ ކުރީގައި މިހާރު މި ފެންނަ ޖަނަވާރު ތަކާއި ތަފާތު ޖަނަވާރު ތަކެއް އުޅުނެވެ. އެ އެއްޗެހި ވަރަށް ބޮޑު ވެފައި ވައްތަރީ މިހާރު މިފެންނަ ޑްރެގަންސް އައި އެވެ. މި އެއްޗެހި އުޅުނު ކަން އަހަރެމެންނަށް އެނގުނީ ކިހިނެތް ތޯ އެވެ؟ ބައެއް ފަހަރަށް މީގެ ކަށިތަށް ބިމު އަޑިން ފެނެއެވެ. އަހަރެން ކުޑައިރު ވިއެނާގައި ހުންނަ ނެޗުރަލް ހިސްޓްރީ މިއުޒިއަމް އަށް ދިޔާމެވެ. އެތާ ހުރި ޖަނަވާރެއް ކަމަށް ވާ ޑިޕްލޯޑޮކްސް ގެ ކަށިގަނޑު ފެނިފައި އަހަރެން ހައިރާން ވިއެވެ. އެއީ ވަރަށް އާދަޔާ ހިލާފު ޖަނަވާރެކެވެ. އޭތި ބޮޑު ކަމުން ގޭގެ ކޮޓަރި އަކަށް ނުލެވޭނެއެވެ. އެއް ކޮޓަރި ކީއްކުރަން ދެ ކޮޓަރި ވެސް ކުޑަ ވާނެއެވެ. އޭގެ ދިގު މިން ދިގު ގަހަކަށް ވުރެ ދިގެވެ. އޭގެ ނިގޫ ކުޅިވަރު ދަނޑެއްގެ އެއްބައި ވަރު ވެއެވެ. އެވަރު ޖަނަވާރެއްގެ އަޑު ކިހާ ހަރު ވާނެ ހެއްޔެވެ؟

އަދި ވެސް އަހަރެމެންނަކަށް ފެށުމާއި ހަމަޔަށް ނާދެވެއެވެ. އަދި އެތަށް މިލިޔަން އަހަރެއް ފަހަތަށް ތާރީހު ދެމިގެން ދެއެވެ. މިގޮތަށް މިލިޔަނުން އަހަރުތަށް ކިޔަން ވަރަށް ފަސޭހަ އެވެ. ނަމަވެސް ސިފަ ކޮށްލައްވާށެވެ. އެއް ސިކުންތު އެއީ ކިހާ ވަގުތެއް ތޯއެވެ؟ އެއީ ގުނުމަށް ނަގާހާ ވަގުތު ކޮޅެކެވެ. އެކެއް… ދޭއް… ތިނެއް… ދެން އެންހާސް މިލިޔަން ސިކުންތު އެއީ ކިހާ ވަގުތެއް ތޯއެވެ؟ އެއީ ބައްތިރީސް އަހަރެވެ. ދެން އެންހާސް މިލިޔަން އަހަރު ފަހަތަށް ތިބާގެ ވިސްނުން ގެންގޮސް ބަލާށެވެ؟ އޭރު ބޮޑެތި ޖަނަވާރު ތަކެއް ނޫޅެއެވެ. އޭގެ ބަދަލުގައި އުޅުނީ ފިނިހަކި އާއި ފަނި ފަކުސާ ތަކެވެ. މިއަށްވުރެ ފަހަތަށް ދިޔުމުން ޕްލެނެޓް ތަކެއް ނުހުންނާނެއެވެ. މުޅި ދުނިޔެ ފެންނާނީ ސިފަ އެއް ނެތް ހުސް އެއްޗެއް ގޮތުގައެވެ. އެތެރޭގައި އެއްވެސް އެއްޗެއް ނެތެވެ. ގަހެއް ވިނައެއް، މަލެއް، ފެހި ކަމެއް ނެތެވެ. ހަމަ އެކަނި ހުރީ ހިލަ ތަކެކެވެ. މުޅި ދުނިޔެ އޮތީ ފަތުރާލެވިފައިވަ ސަހަރާ އެއް ހެންނެވެ. އެ ސަހަރާ ގޮސް ގުޅިފައިވަނީ މޫދާއި އެވެ. ނަމަވެސް އެ މޫދުގައި އެއްވެސް ދިރުމެއް ނުވެއެވެ. ގަހެއް، ބޮއްޔެއް، އަދި މޫދު ވިނަ އެއްވެސް ނެތެވެ. ނަމަވެސް އެ މޫދުގެ ރާޅުގެ އަޑު އައްސަވާށެވެ، އެ ރާޅު ބުނަނީ ކީކޭ ތޯއެވެ؟ ’ އެއް ޒަމާނެއްގައި…‘ މިހެންނެވެ. އޭގެ ކުރީގައި ދުނިޔެވެސް ނުއުފެދެނީސް މިތާގައި އޮތީ އިރު ވަށައިގެން ދައުރު ކުރަމުން ދާ ވިލާ ތަކަކާއި ވިހަ ގޭސް ތަކެކެވެ. އަހަރެމެން ޓެލެސްކޯޕުން ބެލުމުން ދުރުން އެފެންނަ ޕްލެނެޓް ތަށް ހެންނެވެ. ހިލައެއް ފަރުބަދަ އެއް ނެތި، ފެނެއް ނެތި، ދިރުމެއް ނެތި، ވަށް ބޯޅައެއް ހެން އޮތް ގޭސް ވިލާގަނޑެއްހެން އެތަށް ބިލިޔަން އަހަރު ތަކެއް ވާންދެން އިރު ވަށައި ދައުރު ކުރަމުން ދިޔައެވެ. ދެން މީގެ ކުރިން؟ މީގެ ކުރިން އިރެއްވެސް ނެތެވެ. އޭރު ވުޖޫދުގައި ވަނީ ބޮޑެތި ތަރި ތަކާއި ކުދި ތަރި ތަކެވެ. އެ ތަރިތަށް ވިހަ ގޭހުގެ ވިލާ ތަކުގެ ތެރެއިން މަންޒިލެއް ނެތި ދަތުރު ކުރަމުން ދެއެވެ.

’އެއް ޒަމާނެއްގައި…‘ އަނެއްކާވެސް މިވާހަކައިން ބޯ އަނބުރައި ގަންނަ ހިސާބައް ދެވިއްޖެއެވެ. އެހެން ކަމުން އަވަހަށް އިރު ގެނެސް، ދުނިޔެ ގެނެސް، މޫދު ގެނެސް ދިރުން ގެނެސް، ޑައިނަސޯ ޖަނަވާރު ގެނެސް، އަހަރެމެންގެ ފަރުބަދަ ތަށް ގެނެސް، ދެން އެއަށް ފަހު އިންސާނުން ގެންނަމާ ހިނގާށެވެ. މިއީ ގެއަށް އާދެވުން ކަހަލަ ކަމެކެވެ. އެއަށް ފަހު ދެން އޮތީ އެ ’އެއް ޒަމާނެއްގައި ވާހަކަ އަހަރެމެން ފުން ވަޅުތެރެއަށް ދެން ނުގެންދާނެ ގޮތެއް ހޯދުމެވެ. އެ ގޮތަކީ އެވާހަކަ ފަށާ އިރަށް ހުއްޓާށޭ ބުނުމެވެ. ނަމަވެސް މި ހުރިހާ ކަމެއް ހިނގައި ދިޔައީ ކިހިނެތް ހެއްޔެވެ؟ މިތާގައި އަހަރެމެން ބަލަން ބޭނުން ވަނީ ހަމަ އެކަނި ތާރީހެއް ނޫނެވެ. އޭގެ ބަދަލުގައި އަހަރެމެން ހޯދަން ބޭނުން ވަނީ އަހަރެމެން ގެ ވާހަކަ އެވެ. ހިނގާ އަހަރެމެންގެ ވާހަކަ ފަށަމާ؟

Diplodocus
Diplodocus

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • ފުރަތަމަ ޞަފްހާ
  • ކުރިއެރުންތައް
  • ތާރީޚު
  • މާސްއަށް ކުރާ ދަތުރު