މިހާދިސާ ހިނގާފައި ވަނީ މީލާދީން 79 ވަނަ އަހަރު އޮގަސްޓު 24 ވަނަ ދުވަހުއެވެ. އެއީ މީގެ 1940 (އެންހާސް ނުވަސަތޭކަ ސާޅީސް) އަހަރު ކުރިއެވެ. މިހާދިސާ ސިފަކޮއްދެމުން ހަނގު ޕްލީނީ އޭރު އުޅުނު ތާރީހު ދިރާސާކުރާ މީހަކައް ދެ ސިޓީ އެއް ލިޔުނެވެ. އެތަނުން ފުރަތަމަ ސިޓީގެ ތަރުޖަމާ ތިރީގައި މިވަނީ އެވެ.
އެދުވަހު އަހަރެންގެ ބޮޑުބޭބެ ހުންނެވީ މައިސިނަމް ބަނދަރު ސަރަހައްދުގައި ހަނގުރާމަމަތީ ބޯޓު ފްލީޓެއްގެ ކޮމާންޑަރަކަށެވެ. މެންދުރު އެކެއްޖަހާކަންހާއިރު އަހަރެންގެ މަންމަ ދުރުން ރަށުގެ މަތިން ވިލާގަނޑެއްކަހަލަ އެއްޗެއް ދެއްކިއެވެ. އަދި އޭތި އާދަޔާ ހިލާފައް ބޮޑުވަމުން ދެއެވެ. އެތަނުން ބަލާއިރު އެވިލާގަނޑު އުފެދެމުން ދަނީ ކޮން ފަރުބަދައަކުން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ފަހުން އެނގުނުގޮތުގައި އެއީ މައުންޓް ވެސުވިއަސް އޭކިޔުނު އަލިފާން ފަރުބަދައިން އަރަމުން އަންނަ ވިލާގަނޑެކެވެ. އެ ވިލާގަނޑު ބޮޑައް ވައްތަރީ ކަށި ގަހަކާއިއެވެ. އަދި މައްޗައް އަރަމުންދާވަރަކައް ގޮފިތައް އިތުރުވެ އައު ގޮފިތައް ނިކުންނަމުން ދެއެވެ. އަހަންނައް ހީވާގޮތުގައި އެއީ ފުރަތަމަ ގޮވުމައްފަހު ބާރު ދައްވެ ލާވާތައް ފެތުރެން ފެށުމުން ދުންގަނޑައް އަންނަ ބަދަލެކެވެ. ބައެއްފަހަރައް އެ ވިލާގަނޑުގެ ކުލަ ފަނޑުވެއެވެ. އަނެއްބައި ފަހަރު ކުނޑިތަކާއި އެއްކޮއް ބުރައިގެން ދެއެވެ.
ހަގީގީ އިލުމުވެރިއެއް ފަދައިން ބޭބެއައް މިމަންޒަރު ފެނުމާއިއެކު މިއީ އިތުރައް ދިރާސާކޮށް ހޯދާ ބަލަންވާނޭ ކަމެއްކަމައް ދެކި ބޯޓެއް ތައްޔާރުކޮއްދިނުމައް އަމުރުކުރިއެވެ. އަދި ބޭބެ އަހަރެންވެސް ދާން ހުއްދަދިނެވެ. ނަމަވެސް އަހަރެން އިހުތިޔާރު ކުރީ ގޭގައި ހުރެގެން ފިލާވަޅުތައް މުތާލިއާކުރާށެވެ. (އޭރު ޕްލީނީ ލޯޔަރަކައް ވުމައް ކިޔަވަމުންދަނީ ގާނޫނީ އިލްމެވެ.)
ބޭބެ ގެއިން ނިކުންނަން ހިނގައިގަތްތަނާ މީހަކު އައިސް ޓަސްކުސްގެ އަނބިކަބަލުން ރިކްޓީނާގެ މެސެޖެއް އެރުވިއެވެ. އެމީހުން ދިރިއުޅޭ ގެ ހުންނަނީ އަލިފާން ފަރުބަދައިގެ ބުޑުގައެވެ، އަނެއްފަރާތުގައި ވަނީ ކަނޑެވެ، ކުރިމަތި ވަނީ އަލިފާންފަރުބަދައިގެ އަޅިއާއި ލާވާއިން ބަންދުވެފައެވެ. އެހެންކަމުން އެ ގޭގެ މީހުންނައް ސަލާމަތުން ދެވޭނެ ހަމައެކަނި ގޮތަކީ ކަނޑުމަގެވެ. އޭނާ ވަނީ ބިރުގެންފައެވެ، އަދި ސަލާމަތް ކޮއްދެއްވުން އެދި އާދޭސްކޮއްފައި އެމެސެޖުގައި ވެއެވެ.
ވަގުތުން ބޭބެގެ ސައިންސާއި ހޯދުންތަކުގެ ޕްލޭން މީހުން ސަލާމަތް ކުރުމުގެ ޕްލޭނަކައް ބަދަލުކޮއް ކުރިދަތުރު ފެށިއެވެ، މިދަތުރުން ބޭބެ ވެގެންދިޔައީ ހީރޯއަކަށެވެ.
މިދަތުރައް ބޮޑު ބޯޓެއް ފުރުމައް ތައްޔާރުކޮއް މީހުން ހަމަކޮއް ފަރުބަދައާއި ދިމާލައް ދަތުރު ފެށިއެވެ. ބޭބެގެ ހިތްވަރު ގަދައެވެ. އެއަލިފާން ފަރުބަދަ އޭރުވެސް ގޮވަގޮވާ ހުއްޓެވެ، އޭގެ އަޅިތައް ފެތުރެމުން ދެއެވެ. މީހުންތައް ދުރައް ދަމުން ދިޔައިރު ބޭބެ ދަތުރުކުރަމުން ދިޔައީ އެފަރުބަދައާއި ދިމާލަށެވެ.
ބޯމަތި ވަނީ ކަޅު ވިލާގަނޑެއްހެން ދުމުން ފުރިފައެވެ، ވައިގެ ތެރެ ވަނީ އަޅިން ފުރިފައެވެ. އަދި ލާވާގެ ހޫނުކަން އެހިސާބައް ފޯރައެވެ.
އެވަގުތު ކުއްލިއަކައް މޫދުގެ ލޮނުގަނޑު ތިރިވިއެވެ، އަދި އައްސޭރިފަށުން މޫދުކައިރީގައި އޮތް ލޮނުގަނޑު އެއްކޮއް ހިނދުނެވެ. މިތަން ފެނިފައި އަނބުރާލާފައި ދިޔުމައް ބޯޓުގެ ކެޕްޓަން އެދުނެވެ. ނަމަވެސް ބޭބެ ބޭނުންވީ ކުރިޔައް ދާށެވެ. ’ނަސީބު ލިބޭނީ ހިތްވަރުގަދަ މީހުންނަށެވެ.، އަހަރެން ޕޮމްޕޮނިއާނުސް ގެ ގެއްށް ގެންގޮސްދީ“ ބޭބެ ބުންޏެވެ.
ޕޮމްޕޮނިއާނުސް ދިރިއުޅެމުން ދިޔައީ ސްޓާބިއާއޭ ކިޔުނު އަވަށެއްގައެވެ. އެއީ ނާޕްލްސްގެ އަރިމައްޗެވެ. މިހިސާބައް އަލިފާންފަރުބަދައިގެ އަސަރު އަދި ނުފޯރައެވެ. ނަމަވެސް ލާވާތައް ފެތުރިއްޖެނަމަ ނުރައްކާވެދާނެއެވެ. ޕޮންޕޮނިއާނުސް ވަނީ އޭނަގެ ހުރިހާ އުފުލޭ މުދާތައް ބޯޓަކައް އަރުވައި ވައިގެ މިސްރާބު ބަދަލުވުމުން ފުރަން ތައްޔާރު ކޮއްފައެވެ.
އޭރު ވައި ޖެހެމުން ދަނީ ބޭބެމެން ދާ މިސްރާބަށެވެ. އެހެންކަމުން ވަރަށް އަވަހައް އެމީހުންނައް ސްޓްރާބިއާއާއި ހަމަޔައް ފޯރައިފިއެވެ. ބޭބެ ފެނުމުން ބޭބެގެ ބިރުގެންފައި ހުރި ރަހުމަތްތެރިޔާ އުފަލުން ފޮޅުނެވެ. ދެމީހުންނަކީ ވެސް އެހާމެ ހިތްވަރުގަދަ ކެރޭ ދެމީހުންނެވެ.
ދުރުން އެފަރުބަދައިން އަލިފާންގަނޑު އަރަމުން ދެއެވެ. އަލިފާންގަނޑުން އުފެދިފައިވާ ވިލާގަނޑު ޕޮމްޕެއި މަތިން ފެތުރެމުންދެއެވެ. އޭރު ބޭބެ ހުރި އަވަށުގެ މީހުންނައް ހިތްވަރު ދެމުން ގެންދިޔައެވެ. ’މިއީ ކުޑަ ގެއެއްގައި ރޯވުން ކަހަލަ ކަމެކެވެ. މިއީ ދަނޑު ބިމެއްގައި ރޯވުންކަހަލަ ކަމެކެވެ.‘ މިފަދައިން ބުނެ ހިތްވަރު ދެމުން ގެންދިޔައެވެ.
އެއައްފަހު އިރު އޮއްސުމުން ބޭބެ ގޮސް އޮށޮވެ ނިދީ އެވެ. ބޭބެ ނިދާފައި އޮވެ ނޭވާލާ އަޑު ބޭރުން ހިނގާފައިދާ މީހުންނައް އިވެއެވެ.
އިރު އޮއްސި މާގިނަ އިރުތަކެއް ނުވަނީސް ބޭރުގައި އަޅިތައް ގިނަވެ، ކޮޓަރީގައި ލަސްވާންދެން ތިބެއްޖެނަމަ ތާށިވެދާނޭކަމުގެ ބިރު ހީވުމުން ބޭބެ ހޭލެއްވުމައްފަހު ޕޮމްޕޮނިއާނުސް އާއި އޭނަގެ ހާދިމުންނާއި އެންމެން އެރޭ ހޭލާ ތިބެން ނިންމުމައްފަހު ތިބީ ހޭލައެވެ. ފަހުން އެމީހުން މަޝްވަރާ ކުރަމުން ދިޔައީ ތިބެން އެންމެ ރައްކާތެރީ އެތެރޭގައިތޯ ނޫނީ ބޭރުގައިތޯ އާއި ބެހޭ ގޮތުންނެވެ.
ގޭގެ ފުރާޅައް އަޅިތައް އެޅި ބަރުވުމުގެ ސަބަބުންނާއި ކުދި ކުދި ބިންހެލުންތައް އަންނަމުންދާތީ ގެ ހެލެމުން ދެއެވެ. އެހެންކަމުން އެތެރޭގައި ތިބުން ރައްކާތެރިއެއްނޫނެވެ. ބޭރައް ނިކުމެއްޖެނަމަ އަލިފާން ފަރުބަދައިގެ ހޫނު ވަޔާއި އަޅިއާއި ދުމާއި އަދި ބުރައިގެން އަންނަ ލާވާއެތިކޮޅު ތަކުން ޖެހި ފިހުމުގެ ނުރައްކާ އެބައޮތެވެ.
އެންމެން މަޝްވަރާ ކުރުމައްފަހު ނިންމީ ނޭފަތާއި އަނގަ ފޮރުވައި ބޯމަތީގައި ބާލީހެއް އަޅައި ފޮތިން ބަނުމައްފަހު ބޭރައް ނިކުމަށެވެ.
ހެނދުނު އެހެން އަވައްތަކައް އިރުގެ އަލިން އަލިވިއިރު އެހިސާބުގަނޑު އޮތީ ކަޅު އަނދިރިކޮށެވެ. އަނދިރިކަމުން އެމީހުންނައް ބައްތިތަކުން އަލިކުރުމައް މަޖުބޫރުވިއެވެ.
ދެން އެރަށުން ފުރައިގެން ދެވޭތޯ ބެލުމައް ފުއްޓަރުފަރާތައް ގޮސް މޫދު ބަލާލިއެވެ. މޫދުން ބޮޑެތި ރާޅުތައް ބިންދަމުން ދެއެވެ. ދަތުރު ފެއްޓޭވަރައްވުރެ ރާޅުތައް ބޮޑެވެ. އެހެންކަމުން ބޭބެ ބެޑްށީޓެއް ނެގުމައްފަހު ބިންމަތީގައި އަޅައި އޮށޯވެ ފިނި ބުއިމެއް ގެންނަން އެންގިއެވެ.
މިގޮތައް މާގިނައިރުތަކެއް ނުވަނީސް ކުއްލިއަކައް ބޮޑު ގޮވުމަކާއިއެކު ފަރުބަދައިން ސަލްފާއާއި އަޅިތަކާއި ލާވާ މައްޗައް އަރައިގެން ދިޔައެވެ. ސަލްފާގެ ނުބައި ވަސްގަނޑު އޭރުވެސް މުޅިތަނައްވަނީ ފެތުރިފައެވެ.
ފަރުބަދައާއި ދިމާލައް ބެލުމައްޓަކައި ދެމީހުންގެ އެހީގައި ބޭބެ ތެދުވިއެވެ. އެއައްފަހު ކުއްލިއަކައް ބިންމައްޗައް ވެއްޓުނެވެ، ދެން ބެލިއިރު ބޭބެ އޮތީ މަރުވެފައެވެ.
އަހަންނައް ހީވަނީ އެ ދުމުގެ ސަބަބުން ބޭބެގެ ނޭފަތް ބެދި ނޭވާ ނުލެވި މަރުވީހެންނެވެ. ދެން ތިންވަނައަށްވީ ދުވަހު ވިލާތައް ފަނޑުވެ އެއަވަށައް އަލިކަން އައުމުން ބޭބެގެ ހަށިގަނޑު ހޯދައިގެން ގެނައެވެ. އެ ހަށިގަނޑައް ބޭރުން އެއްވެސް ގެއްލުމެއް ލިބިފައެއްނެތެވެ. މަރުވެފައިވާ މީހަކައްވުރެ ބޮޑައް ވައްތަރީ ނިދާފައި އޮތް މީހަކާއެވެ.